05 Jul 2017, 13:15
ހއ. އުލިގަމުގައި ކޮންމެ އަހަރެއްގެ ރޯދަ މަހަށް ފަހު ބާއްވާ މަސް ފިހުމުގެ ބޮޑު ހަރަކާތް އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.
އުލިގަމު ރައްޔިތުންނާއި ހުރިހާ ދިވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މަސްފިހުމުގެ ބޮޑު ހަރަކާތުގައި މިފަހަރު ވެސް 400 އެއްހާ މަސް ފިހުމަށް ނިންމާފައިވާ ކަމަށް އުލިގަމު ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޒިޔާދު ވިދާޅުވި އެވެ.
މަސް ފިހުމަށް ބޭނުންވާ ދަރާއި އެހެނިހެންް ތަކެތި މިހާރު އެއްކޮށްފައިވާ އިރު ފިހާމަސް ބާނާނީ އެދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އުލިގަމުގައި މަސް ފިހުމަށް ދަރު ތައްޔާރުކުރަނީ-- ފޮޓޯ: ފޭސްބުކް އުލިގަމް މަސް ފިހުން 1438
"ތިން ދޯނި އެވަނީ ހަމަޖައްސާފައި، އެދޯނިތައް ފަތިހުދާނެ މަހަށް، އެދުވަހު ބާނާ މަސް އެދުވަހެއްގައި ފިހާނީ،" ޒިޔާދު ވިދާޅުވި އެވެ.
މަސް ފިހުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 8:30 އެހާކަންހާއިރު އުލިގަމު ބަނދަރު ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެރޭ އެވަގުތު މަސް ފިހުމާއި ކެއުން އެކުގައި ކުރިއަށްދާނީ، މަހާއެކު ކެއުމަށް ބޮޑިބަތާއި ރޮށި ފަދަ ތަކެތި ތައްޔާރުކުރާނެ އަންހެން ވެރިން،" ޖިޔާދު ވިދާޅުވި އެވެ.

އުލިގަމުގައި މަސް ފިހުމުގެ ހަރަކާތް ކުރިއަށްދަނީ-- ފޮޓޯ: އުލިގަމް ފޭސްބުކް ޕޭޖް
މިއަހަރު ކުރިއަށްގެންދާ އެހަރަކާތަށް ހަރަދުކުރަން ނިންމާފައި ވަނީ 15000 ރުފިޔާގެ ބަޖެޓެކެވެ. އެއީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު އެވެ.
އާބާދީގައި 526 މީހުން ދިރިއުޅޭ އުލިކަމުގައި އެގޮތަށް މަސް ފިހާތާ މިހާރު އަށް އަހަރު ވަނީ ވެފަ އެވެ.