07 Jul 2017, 12:11
މެކްސިކޯގެ އަކަޕުލްކޯގެ ޖަލެއްގައި އިއްޔެ ހިނގި ހަމަނުޖެހުންތަކެއްގައި 28 މީހުން މަރުވެއްޖެއެވެ. މިއީ ފަހުގެ ތާރީހެއްގައިވެސް މެކްސިކޯގެ ޖަލެއްގައި ހިނގައިދިޔަ އެންމެ ގިނައިން މީހުން މަރުވި ޙާދިސާއެވެ.
އަކަޕުލްކޯ އަކީ މެކްސިކޯގެ ގުއެރޯސްޓޭޓްގެ އެންމެ ބޮޑު ސިޓީއެވެ. މިސިޓީއަކީ މެކްސިކޯގައި ހުރި ހަމަނުޖެހުން އެންމެ ބޮޑު އެއް ސްޓޭޓްގެ ގޮތުގައި މަޝްހޫރުވެފައިވާ ޝަހަރެކެވެ. އޯޕިއަމް ގިނައަދަކަށް ހައްދައި އުޅޭ މިސަރަހައްދަކީ ގާނޫނާއި ގަވައިދު އެއްވެސް ވަރަކަށް ހިނގާ ހިސާބެއް ނޫނެވެ.
ގޮއެރޯސްޓޭޓްގެ ސެކިއުރިޓީ އޮފިޝަލް ރޮބާޓޯ އަލްވެރޭޒް ބުނިގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ މިޖަލުގައިތިބިި ދެ ގޭންގަކުން އެއްބަޔަކު އަނެއްބަޔަކާ މާރާމާރީ ހިންގަންފެށުމުންނެވެ. މިހާދިސާގައި 28 މީހުން މަރުވުމުގެ އިތުރުން 4 މީހަކުވެސް ވަނީ ޒަހަމްވެފައެވެ.
އަލްވެރާޒް، ރޮއިޓާޒްއަށް މައުލޫމާތު ދިންގޮތުގައި މިޖަލުގައި މިހާރުވެސް ކަނޑައެޅިފައިވާ ޖާގައަށްވުރެ އިތުރަށް މީހުން ވަނީ ބަންދުކޮށްފައެވެ.
ޖަލުން ބަޑީގެ ހަމަލާތައް އިވުނަކަމަށް ބައެއް ރިޕޯޓްތައް ބުނިކަމުގައިވިޔަސް މިހަމަލާގައި މަރުވެފައިވާ އެންމެންވެސް މަރުވެފައިވަނީ ތޫނުއެއްޗެހިން ދީފައިވާ ހަމަލާތަކުގައެވެ.
މިއަހަރު ފެށުނުފަހުން މެކްސިކޯގައި ހަމަނުޖެހުން ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް އުތުރު ސްޓޭޓެއްކަމަށްވާ ޗިހުއަހުއާގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ވަނީ ސާދަ މީހުންމެރުވެފައެވެ.