އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލުގެ އެވޯޑު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

ސަން އަކުއާ ވިލު ރީފް ރިސޯޓުގައި މިރޭ ކުރިޔަށްދިޔަ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެެރި އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ސަރަހައްދުގެ ގާލާގައި ރާއްޖެއަށް ވަނީ އިންޑިއާ ކަނޑުގެ ލީޑިންގް ޑެސްޓިނޭޝަނާއި، ލީޑިންގް ބީޗު ޑެސްޓިނޭޝަން އަދި ލީޑިންގް ޑައިވް ޑެސްޓިނޭޝަންގެ އެވޯޑު ހޯދައިފައެވެ.

މި ތިން އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރެވެ.

މި ތިން އެވޯޑަކީ މިދިޔަ އަހަރުވެސް ލިބި، ރާއްޖެއިން ދިފާއުކުރި ތިން އެވޯޑެވެ. ތިން އެވޯޑުވެސް ރާއްޖެއިން ހޯދީ އިންޑިއާ ކަނޑުގެ ހަތަރު މަންޒިލެއް ކަމުގައިވާ ސީޝެލްސް، މޮރީޝަސް، މަޑަގަސްކާ އަދި ރިޔޫނިއަން އައިލެންޑްސްއާ ވާދަކޮށްގެންނެވެ.

މިއީ ރާއްޖެއަށް ސަރަހައްދުގެ ލީޑިންގް ޑެސްޓިނޭޝަންގެ އެވޯޑު ލިބުނު 11 ވަނަ ފަހަރެވެ. މީގެ ކުރިން 2003 ވަނަ އަހަރާއި، 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް، އަދި 2012، 2013، 2014 އަދި 2016 ވަނަ އަހަރުވެސް އިންޑިއާ ކަނޑުގެ ލީޑިންގް ޑެސްޓިނޭޝަންގެ އެވޯޑު ލިބުނީ ރާއްޖެއަށެވެ.

މިއީ ސަރަހައްދުގެ ލީޑިންގް ބީޗު ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއަށް ލިބުނު ފަސްވަނަ ފަހަރެވެ. މިދިޔަ ހަތަރު އަހަރުވެސް މި އެވޯޑު ލިބިފައިވަނީ ރާއްޖެއަށެވެ. މީގެ އިތުރުން ލީޑިންގް ޑައިވް ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއަށް މިއަހަރު ލިބުނީ ތިންވަނަ ފަހަރަށެވެ. މީގެ ކުރިން މި އެވޯޑު ރާއްޖެއަށް ލިބުނީ 2007 ވަނަ އަހަރާއި 2016 ވަނަ އަހަރުއެވެ.

މިރޭ ކުރިޔަށްދިޔަ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާގައި ދިވެހިރާއްޖޭގެ އެކި ފަރާތްތަކުން ވަނީ އެވޯޑުތަކަށް ނޮމިނޭޓުވެ، އެވޯޑު ހާސިލުވެސް ކޮށްފައެވެ.

  • އިންޑިއާ ކަނޑުގެ ލީޑިންގް ރިސޯޓު:ގިލިލަންކަންފުށި މޯލްޑިވްސް

  • އިންޑިއާ ކަނޑުގެ ލީޑިންގް ޕްރައިވެޓް އައިލެންޑް ރިސޯޓު އެވޯޑު:ކޯމޯ ކޮކޯ އައިލެންޑް މޯލްޑިވްސް
  • އިންޑިއާ ކަނޑުގެ ލީޑިންގް ލަގްޒަރީ އައިލެންޑް ރިސޯޓު:ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި
  • އިންޑިއާ ކަނޑުގެ ލީޑިންގް ފެމިލީ ރިސޯޓު:ދަ ސަން ސިޔާމް އިރުފުށި
  • އިންޑިއާ ކަނޑުގެ ލީޑިންގް ލެއިޝާ ހޮޓެލް:ހުޅުލެ އައިލެންޑް ހޮޓެލް
  • އިންޑިއާ ކަނޑުގެ މޯސްޓް ރޮމޭންޓިކް ހޮޓެލް:ބަރޮސް މޯލްޑިވްސް
  • އިންޑިއާ ކަނޑުގެ ލީޑިންގް ލަގްޒަރީ ނިއު ރިސޯޓު:ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި
  • އިންޑިއާ ކަނޑުގެ ލީޑިންގް ވޯޓާ ވިލާ ރިސޯޓު:ސަން އަކުއާ ވިލު ރީފް
  • އިންޑިއާ ކަނޑުގެ ލީޑިންގް ލަގްޒަރީ ރިސޯޓު:މިލައިދޫ އައިލެންޑް މޯލްޑިވްސް
  • އިންޑިއާ ކަނޑުގެ ލީޑިންގް މައިސް ހޮޓެލް: ކުރުނބާ މޯލްޑިވްސް
  • އިންޑިއާ ކަނޑުގެ ލީޑިންގް ލަގްޒަރީ ވިލާ ރިސޯޓު:ވެލާ ޕްރައިވެޓް އައިލެންޑް