ބްރެޒިލްގެ ސަންތޯސްގައި ކުރިއަށްދާ ނޭމާ ޖޫނިއާސް ފައިވް ވޯލްޑް ފައިނަލް 2017ގައި ރާއްޖެ ތަމްސީލުކުރަމުންދާ ކްލަބް ޓީނޭޖުން އެ މުބާރާތުގެ ދެވަނަ ބުރުގައި ކުޅުނު މެޗުން ޖަޕާނުގެ ޓީމާ ވާދަކޮށް ބަލިވެއްޖެއެވެ.

ޖަޕާން އަތުން ހޮނިހިރު ދުވަހު ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 5-0ގެ ނަތީޖާއަކުންނެވެ.

ދެވަނަ ބުރުގައި ޖަޕާން އަތުން ރާއްޖެ ބަލިވިއިރު އެ މުބާރާތުގެ ފުރަތަމަ ބުރުގައި ރާއްޖެވަނީ ސްޕެއިންއާއި އަވަށްޓެރި އިންޑިއާ އަތުން މޮޅުވެފައެވެ.

ސްޕެއިން އަތުން 5-2 މޮޅުވިއިރު އިންޑިއާ އަތުން ރާއްޖެ މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ. ރާއްޖެ ބަލިވީ ސްވިޑަން އާއި މެލޭޝިއާ އަތުންނެވެ.

ރާއްޖޭގެ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދައި، ބްރެޒިލަށް ދިއުމުގެ ފުރުސަތު ޓީނޭޖުން ހޯދީ މިދިޔަ މެއި މަހުގެ ފަހުކޮޅު ކުޅުނު ކޮލިފައިން ބުރުގެ ފައިނަލުގައި ކްލަބު ޕީކޭ އަތުން 2-0 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ޖުމްލަ 53 ގައުމެއްގައި ކުރިއަށްދިޔަ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދި ޓީމުތައް ވާދަކުރާ އެ މުބާރާތުގައި ވާދަކުރާ ކްލަބު ޓީނޭޖްގައި މުއްކިއާއި ބޮބީގެ އިތުރުން ދެން ހިމެނެނީ ޓީމުގެ ކެޕްޓަން އިސްމާއިލް ފާތިހާއި، ރިއްފަތު މުހައްމަދާއި، އަހްމަދު އަޔާޒް އަދި ހުސައިން ޝަރީފެވެ.