ސަރުކާރާ ދެމެދު މައްސަލައެއް ނެތް ކަމަށާއިޕާޓީ އޮތީ ސަރުކާރާ އެކު ސާބިތުކަންމަތީގައި ކަމަށް އެމްޑީއޭ އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން އެމްޑީއޭ އިން ރަސްމީ ބަހެއް ނުބުނާތީ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަ ފަތުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު މިރޭ ސަން އަށް ވިދާޅުވީ އެ ޕާޓީ އަކީ ވާހަކަ އަށް ވުރެ އަމަލު ގިނަ ކުރުމުގެ ސިޔާސަތެއް ގެންގުޅޭ ޕާޓީ އެއް ކަމަށާއި މަސީހުގެ މައްސަލައިގައި އެމްޑީއޭ އޮތް ގޮތް އެއްވެސް މީހަކަށް އޮޅެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ބަލާއިރު އެމްޑީއޭގެ މަޖިލިސް މެންބަރުން ތިއްބެވި ގޮތް ވަރަށް ސާފުދެއްތޯ! އެވިދާޅުވާ ލިޔުމުގައި އަޅުގަނޑުމެންގެ އެއްވެސް މެންބަރަކު ސޮއިކުރައްވައިފައެއް ނުވާނެ. އެހެން ވީމާ މި މައްސަލައިގައި އެމްޑީއޭގެ ސްޓޭންޑް އެއޮތީ ވަރަށް ސާފުކޮށް ފެންނަން ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް އިތުރަށް ވިދާޅުވީ މިހާރު މިއޮތް ސަރުކާރަކީ އެމްޑީއޭ އަދި ޕީޕީއެމްގެ ސަރުކާރެއް ކަމަށާއި ކޯލިޝަންގެ އެއްބަސްވުން ހަދާފައިވަނީ 2018 ގެ ރިޔާސީ އިންތިޚާބާ ހަމައަށް ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެ އެއްބަސްވުމަށް އިޙުތިރާމު ކުރާ ބައެއް. ފާއިތުވި ތަނުގައި ސަރުކާރަށް ކުރިމަތިވި މި ފަދަ ކޮންމެ ހާލަތެއްގައި ވެސް އެމްޑީއޭއިން ވާނީ އެކަން ސާބިތުކޮށްދީފަ. އަދިވެސް މި ތިބީ އެގޮތުގައި،" މައުރޫފް ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީއޭގެ ސްޓޭންޑް ވަކިން ހާމަނުކުރާތީ ފާޑުކިޔުންތައް އަމާޒުވާ މައްސަލައިގައި މައުރޫފް ވިދާޅުވީ، " އަޅުގަނޑުމެން ދެމި މިތިބި ކޯލިޝަންގެ މައި ޕާޓީ އަކީ ޕީޕީއެމް ކަމަށާއި މި ފަދަ ނާޒުކު ހާލަތު ތަކުގައި މައި ޕާޓީން ބަސް ބުނުމަކީ ސިޔާސީ ގޮތުން ބަލާ އިރު އެންމެ ރަނގަޅު ގޮތް،" ކަމަށެވެ.

"ކޯލިޝަނެއްގައި ހިމެނޭ ޕާޓީތަކުން މި ފަދަ ކަންކަމުގައި ވަކިވަކިން ވާހަކަދެއްކުމަކީ ރަނގަޅު ގޮތެއް ނޫން. ޕީޕީއެމް އިން މި މައްސަލައިގައި ކަންކަން ކުރިޔަށް ގެންދަނީ އަޅުގަނޑުމެންނާ މަޝްވަރާކޮށްގެން. މި މައްސަލައިގައި އެމްޑީއޭ އޮތް ގޮތާ މެދު ސުވާލެއް އުފައްދާނެ ޖާގައެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" މައުރޫފު އިތުރަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާ އެކު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ އިރު ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ވަނީ އެ ލިޔުމުގައި ސޮއިކުރައްވައިފަ އެވެ.

މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ސޮއިކުރައްވައިފައިވާ މެންބަރުންގެ އިތުރުން ވެސް ބައެއް މެންބަރުން މަސީހާ ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ އިދިކޮޅު ފަރާތްތަކަށް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.