މާލޭ ލީގުގައި މިރޭ އީގަލްސް އާ ދެކޮޅަށް ޓީސީ ކުޅުނު މެޗު ދެޓީމު އެއްވަރުވެގެން ނިމުމާއި އެކު މުބާރަތުގެ ގަދަ ހަތަރަކަށް އެރުމަށް ޓީސީއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިރޭގެ މެޗު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗަށް ނުކުތުމުގެ ކުރިން ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ފާހަގަކޮށްފައިވަނީ މިރޭގެ މެޗަކީ ޓީސީއަށް ފައިނަލެއް ކަމަށާއި މެޗުން ކޮންމެހެންވެސް ތިންޕޮއިންޓް ހޯދަން ޖެހޭ ކަމަށެވެ.

މެޗު ފަށައިގެން ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު ދެ ޓީމަށްވެސް ވަނީ ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުޞަތުތަކެއް ލިބިގެން ގޮސްފައެވެ.

މިރޭގެ މެޗުން ދެ ޓީމަށް ލިބުނު އެއް ޕޮއިންޓާއެކު ކްލަބް އީގަލްސްއަށް ވަނީ ވަގުތީ ގޮތުން ތާވަލްގެ ތިންވަނަ މަގާމް ލިބިފައެވެ. އިއްޔެ ޔުނއިޓެޑް ވިކްޓަރީ އަތުން މޮޅުވި ގްރީން ސްޓރީޓާ އެއްވަރަށް، 21 ޕޮއިންޓް އިގަލްސްއަށް ލިބިފައިވާއިރު އެޓީމް ކުރީގައި އޮތީ ފައިދާ ގޯލުންނެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ޓީސީ ހަވަނައިގައި އޮތީ 12 މެޗުން ލިބުނު 16 ޕޮއިންޓާ އެކުއެވެ.

ޓީސީއަށް ގަދަ ހަތަރަކަށް އެރުމަށްޓަކައި ކުރިއަށް އޮތް ދެ މެޗުން މޮޅުވާން ޖެހޭއިރު އީގަލްސް، ވިކްޓަރީ އަދި ގްރީން ސްޓްރީޓަށް މެޗުތަކުން ލިބޭ ނަތީޖާއަށްވެސް ބަލަން ޖެހޭނެއެވެ.