11 Jul 2017, 12:21
ޅ. ނައިފަރު ޖުވެނައިލް އިން އިންތިޒާމުކޮށްގެންވާ ބާއްވާ "ޅަވިޔަނި ޓާޓަލް ފެސްޓިވަލް" އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
ޖުވެނައިލް އިން ގެންދަނީ ނައިފަރުގައި އެޓޯލް މެރިން ސެންޓަރުގެ ނަމުގައި ސެންޓަރެއް ގާއިމުކޮށް ވެލާ ކަހަނބު ދިރުވާއާލާކޮށް އެތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިވަގުތު އެތަނުގައި 54 ވެލާ އެބައޮތެވެ. މިހާތަނަށް 600 އަށް ވުރެ ގިނަ ވެލާއަށް ފަރުވާދީ ދޫކޮށްލާފައިވެ އެވެ.

އެޓޯލް މެރިން ސެންޓަރުން ބަލަހައްޓާ ވެލާތައް-- ފޮޓޯ: އެޓޯލް މެރިން ސެންޓަރު
އެ ޖަމިއްޔާގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން ރޭގަނޑު 10:00އަކަށް ނައިފަރުގެ މެރިން ސެންޓަރުގައި ބާއްވާ އެފެސްޓިވަލުގައި ވެލާ، ކަނބަހާއި ގުޅޭ ތަފާތު މައުލޫމާތާއި ތިމާވެށި ހިމާޔަތް ކުރުމާއި ގުޅޭ ތަފާތު މައުލޫމާތު ދޭނެ ކަމަށެވެ.
މިއީ އެފެސްޓިވަލް ބާއްވާ ދެ ވަނަ ފަހަރެވެ. ވެލާ، ކަހަނބު އާލާކުރުމުގެ ޕުރޮގުރާމް ހިންގާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ޅ. އަތޮޅުގެ ހުރިހާ ސްކޫލްތަކާއި، ޅ. އަތޮޅުގެ ހުރިހާ ރިސޯޓްތަކާއި، ބ. އަތޮޅު ކަމަދޫ ސްކޫލާއި، ނ. އަދި ބ. އަތޮޅުގެ ބައެއް ރިސޯޓުތަކުންނާއި، އޮސްޓްރޭލިޔާގެ ފްލިންޑާސް ޔުނިވަސިޓީއާއި، ސޭވިން ނީމޯ ފައުންޑޭޝަނާއި، ޔޫއެންޑީޕީއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޭވް ދަ ބީޗާއި، މެރިން ސޭވާއާއި މަންޓާ ޓްރަސްޓް އަދި އޮލިވްރެޑްލީން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖުވެނައިލް އިން ގެންދަނީ ނައިފަރުގައި އެޓޯލް މެރިން ސެންޓަރުގެ ނަމުގައި ސެންޓަރެއް ގާއިމުކޮށް ވެލާ ކަހަނބު ދިރުވާއާލާކޮށް އެތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެޓޯލް މެރިން ސެންޓަރުން ބަލަހައްޓާ ވެލާތައް-- ފޮޓޯ: އެޓޯލް މެރިން ސެންޓަރު
އެގޮތުން ގަވައިދާ ހިލާފަށް ވެލާ ކަހަނބު ގެންގުޅޭ ފަރާތްތަކުގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓްކޮށް ފިޔަވަޅު އެޅުމާއި، އަމިއްލަ މީހުން ގެންގުޅޭ ވެލާ ކަހަނބު އެމީހުންނަށް ވިސްނައިދީގެން ސެންޓަރަށް ގެނެސް އެތަކެތި ރިހިބިލިޓޭޓް ކުރުމާއި، ވެލާ ކަހަނބަށް ލިބޭ އަނިޔާތަކަށް ފަރުވާދިނުމާއި، ވެލާ ކަހަނބު ހިމާޔަތްކުރުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން އާންމުންނާއި ދަރިވަރުން ހޭލުންތެރިކުރުމަށް މެދުކެނޑުމެއް ނެތި ހާއްސަ ޕްރޮގްރާމްތައް ވެސް ހިންގަ އެވެ. ދާއިމީ ތިން މުވައްޒަފުން ބައިތިއްބައިގެން ހިންގާ މިސެންޓަރަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ހިންގާ މިފަދަ ހަމައެކަނި ސެންޓަރެވެ. ނަމަވެސް ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި މިފަދަ ސެންޓަރުތައް ހިންގަ އެވެ.