ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ހުށަހާޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރުމަށް އިދިކޮޅު ފަރާތްތަކުން 32 މިލިއަން ރުފިޔާ ހުށަހެޅި ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަންގެ ފަރާތުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަލާހު މިއަދު ވިދާޅުވީ މިހާރު މަޖިލީހަށް ވައްދާފައިވާ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކޮށްފައި ތިބި ގިނަ މެމްބަރުންނަކީ އަމިއްލަ މަންފާއަށް ސޮއިކޮށްފައި ތިބި ބައެއް ކަމަށާއި އެއްވެސް ހާލެއްގައި މަސީހުގެ މައްސަލައެއް އޮވެގެން ސޮއިކުރި ބައެއް ނޫން ކަމަށެވެ.

ފަލާހް ވަނީ އޭނާ އަށް ވެސް އިދިކޮޅު ފަރާތްތަކުން ރިޝްވަތު ހުށަހެޅުއްވި ކަމަށާއި އެ ފަރާތްތަކުން 45 މެމްބަރުންގެ ސޮއި ހޯއްދެވި ގޮތް ދިވެހި ރައްޔިތުންނަށް އޮޅިފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި 32 މިލިއަން ރުފިޔާ އެ ހުށަހެޅި ލިޔުމުގައި ސޮއިކުރާ މަތިން. އަޅުގަނޑުގެ ރައްޔިތުން އަޅުގަނޑު އިންތިހާބްކުރީ ކާޑު ބަސްތާއަށް ހަދާފައެއް ނޫން. އެ ރައްޔިތުން ކައިރިއަށް އަޅުގަނޑު ވޯޓް ހޯދަން ދިޔައިރުގައި އެންމެ ބޮޑަށް ވޯޓުދިން މެމްބަރުން އެދުނީ ރައްޔިތުންގެ މަޖިލީހުގައި ހަނޑުލާއި ހަކުރާ ފިޔަލާ މި އެއްޗިހި ގަންނަން ލިބޭ ގޮތަށް ގަންނަން ލިބޭ އެއްޗަކަށް ނުވައްޗޭ،" ފަލާހު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އޭނާއަށް ރިޝްވަތު ހުށައެޅުއްވި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅާފައިވާނެ ކަމަށް ފަލާހް ވިދާޅުވި އެވެ. ނަމަވެސް ސުވާލުކުރުމުން ވެސް ރިޝްވަތު ހުށައެޅުއްވި ފަރާތްތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން އަންނަ މަސަތްކަތަކީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުން ކަމަށް ފަލާހު ވަނީ ތުހުމަތުކުރައްވައިފަ އެވެ. ނަމަވެސް މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ކުރަން އުޅޭ މަސަތްކަތް ޕީޕީއެމް ކޯލިޝަނުން ފެއިލް ކޮށްލާނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތާއިދުކުރައްވާކަން ހާމަކުރައްވައި ފަލާހު ވިދާޅުވި އެވެ. ރައްޔިތުން އެ ދާއިރާތަކަށް މެމްބަރުން އިންތިހާބްކުރަނީ ފައިސާއަށް ވިކެން ނޫން ކަމަށާއި ބައެއް މެމްބަރުންގެ ސަބަބުން މިހާރު ވެސް ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ގެންދަވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މަސީހާ ދެކޮޅަށް ސޮއިކޮށް ޕީޕީއެމް އިން ވަކިވެވަޑައިގެން 10 މެމްބަރުންނަށް ފަލާހު ވަނީ ވަރުގަދަ އިންޒާރެއް ވެސް ދެއްވައިފަ އެވެ.

"އިރާދަކުރެއްވިއްޔާ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ހުށަހެޅި ގޮތަށް ނިމޭނެ. ތިޔަ ބޭފުޅުންގެ ގޮނޑި ނުގެއްލެނީސް އަވަހަށް އައިސް ޕީޕީއެމްއާ ގުޅިވަޑައިގަންނަވާށޭ." ފަލާހު ވިދާޅުވި އެވެ.