11 Jul 2017, 16:40
ފުވައްމުލަކު ސިޓީގައި ހިމާޔަތް ކޮށްފައިވާ ދަޑިމަގުކިޅި އަދި ބަންޑާރަކިޅި ސަރަހައްދުން އިގްތިސާދީ ފައިދާ ހޯދުމުގެ ގޮތުން އެތަނުގައި ބާޑް އޮބްޒަވޭޓްރީ އަކާއި ޕިކްނިކް ސަރަހައްދެއް ތަރައްގީ ކުރުމަށް ނިންމާ، އެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ.
ފުވައްމުލަކު ދެ ކިޅިން އިގްތިސާދީ ފައިދާ ހޯދުމުގެ ގޮތުން އެ ސަރަހައްދުގައި އިކޯޓޫރިޒަމް ތަރައްގީ ކުރުމަށް ކުރަންޖެހޭ އުމްރާނީ މަސައްކަތްތައް ކުރުމަށް، އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ވަނީ އަ މޭން މޯލްޑިވްސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކޮށްފައެވެ.
އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް (ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި) ނިންމާ ގޮތަށް އެ މަސައްކަތްތައް އަ މޭން މޯލްޑިވްސް ކުންފުންޏާ ހަވާލުކުރީ 8.88 މިލިއަން ދިވެހި ރުފިޔާ އަށެވެ.
އެ ކުންފުންޏާ ހަވާލު ކުރި މަސައްކަތްތަކުގެ ތެރޭގައި ދެ ބާޑް އޮބްޒަވޭޓްރީ ނުވަތަ ހިޖުރަކުރާ ދޫނި އަދި ދޫނިތަކުގެ އާބާދީއާ ބެހޭ މައުލޫމާތު ފެންނަ ގޮތަށް ހަދާފައި ހުންނަ ސެންޓަރަކާއި ބޯޑް ވޯކް ހަދައި ޕިކްނިކް ސަރަހައްދެއް ތަރައްގީ ކުރުމުގެ އިތުރުން ރެކްރިއޭޝަން ފެސިލިޓީއެއް ހަދައި ދަޑިމަގި ކިޅި ސަރަހައްދު ބަލަހައްޓާނެ ރޭންޖާސް ތިބޭނެ ހަޓުތައް ހަދާނެ އެވެ.
ފުވައްމުލަކުގެ ހިމާޔަތްކުރެވިފައިވާ ކިޅި އަދި ޗަސްބިމުގެ ސަރަހައްދުން އިގްތިސާދީ ފައިދާ ހޯދުމުގެ މަސައްކަތް ތަރައްގީީކޮށް ދެމެހެއްޓެނިވި ގޮތުގައި އެތަން ބެލެހެއްޓުމުގެ މަސައްކަތަކީ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީސީޓީއެފް) އިން އެކުލަވައިލާފައިވާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން ކުރެވޭ މަސައްކަތެކެވެ.
އެގޮތުން އެ ޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގައި ދަޑިމަގި ކިޅި އަދި ބަންޑާރަކިޅި އަށް ހާއްސަ ކޮށްގެން ބެލެހެއްޓޭނެ ނިޒާމެއް އެކުލަވާލުމުގެ ކޮންޒަވޭޝަން ޕްލޭނެއް ވަނީ ހަދާފައެވެ.
އަދި އެ ސަރަހައްދުން އގްްތިސާދީ ފައިދާ ހޯދޭނެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކޮށް ފުވައްމުލަކު އަތޮޅު ކައުންސިލަށާއި ރައްޔިތުންނަށް ހިއްސާ ކޮށްފައިވެއެވެ.