13 Jul 2017, 00:31
ޕީޕީއެމްގެ ހަތަރު މަޖިލިސް މެމްބަރަކު ސުލޫކީ މައްސަލައެއްގައި މީގެ ދުވަސްތަކެއް ކުރިން ޕާޓީން ވަކިކުރުމަށް ފަހު އަނެއްކާ އެމައްސަލަ ބަލާކަން މެމްބަރުންނަށް އަންގައިފި އެވެ.
ސުލޫކީ މައްސަލައަކާ ގުޅިގެން ޕާޓީން ވަކިކޮށްފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކާއި ތުލުސްދޫ އާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އިގްބާލް އާދަމް ސޮއިކުރައްވައި މިއަދު އެ މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މެމްބަރުން ޕާޓީން ވަކިކުރުމަށް އަޅާފައިވާ ފިޔަވަޅު އަލުން ދިރާސާ ކުރުމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
މެމްބަރު އަމީތު ވަނީ އެފަދަ ސިޓީއެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. މެމްބަރު ލޯޔަރު ވައްޑޭ އަދި މެމްބަރު ސައުދު ހުސައިންއަށް ފޮނުވި ކަމަށް ބުނާ ސިޓީ ސޯޝިއަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ނަމަވެސް ފާރިސްއަށް އެފަދަ ސިޓީއެއް ފޮނުވިކަން ޔަގީނެއް ނޫނެވެ.
އެކަމާ ގުޅިގެން ލޯޔަރު ވައްޑޭ 'ސަން' އަށް ވިދާޅުވީ އެފަދަ ސިޓީއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ސިޓީގައި ހުރި މައުލޫމާތުތައް ހިއްސާ ކުރުމުން ވައްޑޭ ވިދާޅުވީ އެބޭފުޅާއަކީ ޕީޕީއެމްގެ މެމްބަރެއް ނޫން ކަމަށާއި، އެހެންވީމަ " އެފަދަ ސިޓީއެއް ފޮނުވުމުގެ ހައިސިއްޔަތެއް ޕީޕީއަކަށް ނެތް" ކަމަށެވެ.
ވައްޑެ ވިދާޅުވީ ޕީޕީއެމްގެ މެމްބަރެއް ނޫން ކަމަށް އަންގައި ސިޓީ ފޮނުވާފައިވާ ކަމަށާއި އެމަނިކުފާނަކީ ޕީޕީއެމްގެ މެމްބަރެއް ނޫން ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވާގޮތުން ޕާޓީގެ މެމްބަރު ކަމުން ވަކިކޮށް ނޯޓިސް ފޮނުވުމުން ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ އެވެ. އަދި ވަކިވާން ސިޓީ ހުށަހަޅާ ހިސާބުންވެސް ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ އެވެ.
އޭގެ އިތުރުން އެއްވެސް ނޯޓިސްއެއް ނުދީވެސް ޕާޓީގެ މެމްބަރު ކަމުން ވަކިވެވޭނެ އެވެ.
ސުލޫކީ ކޮމިޓީން ނިންމާ ނިންމުމެއް ހިތްހަމަ ނުޖެހޭ ނަމަ އިސްތިއުނާފު ކުރުމުގެ ހައްގު އަސާސީ ގަވާއިދުން ލިބިދީފައިވަނީ މައްސަލަ ރައްދުވާ މީހާ އަށެވެ. އަދި އިސްތިއުނާފު ކުރެވޭނީ 30 ދުވަސް ހަމަ ނުވާނަމައެވެ.
ވައްޑޭ ވިދާޅުވީ އެއީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ގާނޫނުތަކާ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް ކުރާ ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
އަދި މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލުވާލަން އުސޫލުތަކަށް ބަދަލުގެނެސްގެން ކުރާ އެއްވެސް ކަމެއް ބަލައި ނުގަންނާނެ ކަމަށާއި އަދި މަޖިލިސް ދައުރުގެ މެދުތެރެއިން އުސޫލަށް ބަދަލު ނުގެނެވޭނެ ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ.
ޕީޕީއެމުން ވަކިވުމަށް ސިޓީ ފޮނުވި ނުވަ މެމްބަރެއްވެސް ޕާޓީން ވަކިނުވާ ކަމަށް އެޕާޓީން މިއަދު ވަނީ އަންގާފައެވެ.