އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ "އަހަރުގެ އެންމެ ބޮޑު ފިލްމު" ކަމުގައިވާ "ނޯޓީ 40"ގެ ޕްރިމިއަރ ނައިޓް ޝޯގެ ޓިކެޓް، ގާތްގަނޑަކަށް ވިކި ހުސްވެއްޖެވެއެވެ.

މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީޢު ލިޔެ އަދި ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމު "ނޯޓީ 40"ގެ ޓިކެޓް ވިއްކަން ފަށާފައި ވަނީ، ހޯމަ ދުވަހުގެ މެންދުރު ފަހު 14:00އިން ފެށިގެންނެވެ.

ނޯޓީ40ގެ ޓިކެޓް ގަނެގެން ބައިވެރިޔާ ހިލޭ ބަލައިލުމުގެ ފުރުސަތު --

އިސްމާއިލް ޝަފީގާއި ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށްފައިވާ "ނޯޓީ 40"ގެ އެއް އެކްޓަރު އަދި މި ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އަހްމަދު ސައީދު ބުނީ، ޕްރިމިއަރ ނައިޓް ޝޯއަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށާއި، މިހާރުވެސް އެޝޯގެ ގާތްގަނޑަކަށް ހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާ ކަމަށެވެ.

"މިހާރު ހުރީ އަޅުގަނޑުމެންނަށް ގުޅައިގެންނާއި، ފިލްމުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ބުކިންގ ހަދާފައިވާ ފަރާތްތަކުގެ ޓިކެޓްތައް. އެވެސް ދެތިން ދުވަހެއްގެ ތެރޭގައި ނުނަގައިފިއްޔާ ދެން އެ ޓިކެޓްތައް ވިއްކާލަންޖެހޭނީ،" ސައީދު ބުންޏެވެ.

ނޯޓީ 40ގެ ޕްރިމިއަރ ނައިޓްގެ ޓިކެޓް ވިއްކަނީ، ހާއްސަ ހަދިޔާއަކާވެސް އެކުގައެވެ. އެގޮތުން 200 ރުފިޔާއަށް ޓިކެޓެއް ވިއްކާ، އެ ޝޯގެ ޓިކެޓް ނަގާ ފަރާތްތަށް ދިވެހި ކޮމެޑީ ފިލްމުބައިވެރިޔާގެ ހާއްސަ ޝޯއެއް މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ހިލޭ ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ.

ޕްރިމިއަރ ޝޯގެ ޓިކެޓެއް 200 ރުފިޔާއަށް ވިއްކާއިރު ދެންހުރި ޝޯތަކުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ.

"އަޅުގަނޑުމެންނަށް އޮލިމްޕަސް ލިބުނީ، 15 ޝޯއަށް. އެއީ އޯގަސްޓް ދޭކުން ފެށިގެން 17އަށް،" ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުންޏެވެ.

"އިތުރު ޝޯތަކެއް އަޅުވަން ބޭނުންވި ނަމަވެސް އަދި އެކަން ހަމައެއް ނުޖެހޭ. އޮލިމްޕަސް ނުލިބޭތީ މައްސަލައަކީ. ވަރަށް ފުލްކޮށް ދަނީ."

"ނޯޓީ 40" އަކީ މިހާތަނަށް ދިވެހި ފިލްމީ އިންޑަސްޓްރީގެ ނަން މަޝްހޫރު އެންމެ ގިނަ ފަރާތްތަކެއް އެއް ފިލްމަކުން މިފަދަ ގޮތަކަށް ފެނިގެންދާ ފުރަތަމަ ފިލްމެވެ. މިސަބަބާހުރެ މިއީ މިއަހަރުގެ "އެންމެ ބޮޑު ފިލްމަށް" މި ފިލްމުގެ ޓީމުން ބުނެފައިވެއެވެ.