15 Jul 2017, 12:34
ބަތަލާ ސޯނަމް ކަޕޫރު އަދި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ އާނަންދު އަހޫޖާ އަންނަ ޑިސެމްބަރު މަހު އެންގޭޖު ވާނެ ކަމަށް ބުނާ ޚަބަރުތައް އޭނާ ދޮގުކޮށްފި އެވެ.
ސޯނަމް ކުރި ޓުވީޓުތަކެއްގައި އޭނާ ވަނީ ނޫސްވެރިންނަށާއި މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
އެގޮތުން ދުނިޔޭގައި ބޮޑެތި އެތައް ކަންތައްތަކެއް ހިނގަމުން އަންނަ އިރު، ސޯނަމްގެ އަމިއްލަ ދިރިއުޅުން ނޫސްވެރިންނަށް މުހިންމު ވުމުން އެކަމާ ހިތާމަކުރާ ކަމަށް ބުނެފައިވެ އެވެ.
އަދި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރަމުން ދަނީ ވިޔަފާރި އަށް ކަމަށް ބުނެ ސޯނަމް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
"މީޑިއާ ތަކަށް މައުލޫމާތު ދެނީ އަހަރެންގެ އެކުވެރިން ނުވަތަ އާއިލާ އިން ކަމުގައި ވާނަމަ، މައުލޫމާތު ދޭ ފަރާތަކީ އަހަރެންގެ ހަގީގީ އެކުވެރިންނެއް އަދި އާއިލީ މެމްބަރެެއް ވެސް ނޫން،" ސޯނަމް ބުނެފައިވެ އެވެ.
ސޯނަމް ބުނީ އޭނާ އެންގޭޖުވެއްޖެ ނަމަ، ނުވަތަ ކައިވެނި ކުރަން އުޅޭނަމަ އެކަން އަމިއްލަ އަށް ހާމަކުރާނެ ކަމަށެވެ.
"އެހެންވީމަ ބޭކާރު ވާހަަތައް ނުލިޔެ، ހަގީގީ ނޫސްވެރިކަން ކުރޭ،" ނުރުހުންވެ ސޯނަމް ބުނެފައިވެ އެވެ.
އޭގެ އިތުރުން ސޯނަމް ވަނީ، ފިރިހެން އެކްޓަރުންނަށް ކައިވެންޏާ ގުޅޭ ސުވާލުތައް ނުކުރާ ކަމަށާއި، ނޫސްތަކުން ޖިންސީ ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް ބުނެފަ އެވެ.