18 Jul 2017, 09:21
ލިޔުނީ: އަހުމަދު ސާއިލް އަލީ އަދި މުއާވިޔަތު އަންވަރު
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފި އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފަރިސް މައުމޫން ހައްޔަރުކޮށް، ފުލުހުންގެ ލޯޗެއްގައި ދޫނިދޫއަށް ގެންދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ފާރިސް ދިރިއުޅޭ މއ. ސުނޯރޯސް، ގެ ކައިރި ހުރި ސަންގެ ނޫސްވެރިޔާ މުއާވިޔަތު އަންވަރު ބުނި ގޮތުގައި ދާދި ދެންމެ އަކު ފުލުހުން ވަނީ ފާރިސް ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ.

ފާރިސް ހައްޔަރުކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: އަބްދުލް އަލީމް
މިއަދު ހެނދުނުން ފެށިގެން ފާރިސް ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ފާރިސް ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.
ފާރިސް މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފާރިސް ހައްޔަރުކޮށްގެން ގެންދިޔައީ ދޫނިދުއަށް ކަމަށާއި ފާރިސްގެ އެޕާޓްމަންޓުން ފުލުހުން ބައެއް ތަކެތި ގެންދިޔަ ކަމަށެވެ. އޭގެ ތެރޭގައި ޕެންޑުރައިވް އާއި ބައެއް ލިޔުންތައް ހިމެނޭ ކަމަށް ވަކީލު ވިދާޅުވި އެވެ.
މެމްބަރުންނަށް ފައިސާ ބެހިކަމަށް އިއުތިރާފުވި މެމްބަރު ހުއްޓާ ފާރިސް ހައްޔަރުކޮށްގެން ގެންދިއުމުން ގާނޫނު ކުރިމަތީގައި އޮތް ހަމަހަމަކަން ސިފަކުރާގޮތް އެނގިގެން ހިނގައްޖެ ކަމަށް ވަކީލު މައުމޫން ވިދާޅުވި އެވެ.

ފާރިސް، މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.
ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ފަށާފައިވާ އިރު ފާރިސް ވަނީ އެ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ.
އިދިކޮލު ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަމުންދާއިރު ފާރިސް އަކީ އެކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތެވެ.