އިންޑިއާގައި ޖަންކުޝަންތައް ސާފުކުރަން އުޅުމުގެ ތެރޭގައި މަރުވާ މީހުންގެ ނިސްބަތް އިތުރުވެ، ފާއިތުވި 100 ދުވަސްތެރޭގައި އެކަނި ވެސް 39 މީހުން މަރުވެއްޖެ އެވެ.

އިންޑިއާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ސަފައި ކަކުޗާރީ އަންދޯލަން"ގެ ނެޝެނަލް ކޮންވެނެރު ބެޒްވާޑާ ވިލްސަންއާ ހަވާލާދީ ޓައިމްސްއޮފް އިންޑިއާގައި ބުނެފައި ވަނީ، އެފަދަ ހަދިސާތަކުގެ ޒިންމާ އެއްވެސް ބަޔަކު ނަގަން ބޭނުންނުވާ ކަމަށެވެ.

ވިލްސަން އިތުރަށް ހާމަކުރި ގޮތުގައި އެމައްސަލަ އޭނާ ވަނީ މީގެ ކުރިން ވެސް ދިއްލީގެ ޗީފް މިނިސްޓަރު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަމާލުކަމަށް ގެންނަވައިފަ އެވެ.

"ދިއްލީގެ ސަރުކާރުން މިކަމުގައި އެއްވެސް ވަރަކަށް އާޅައެއް ނުލާ. މޯދީ ވެސް ގައުމަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ވަހަކަ ދައްކަވާ. އެކަމަކު ދުވަހަކު ވެސް މިކަމަކަށް އަލިއަޅުވައެއް ނުލައްވާ." ވިލްސަން ވިދާޅުވި އެވެ.

ވިލްސަން ވިދާޅުވި ގޮތުގައި އެފަދަ ހާދިސާތަކުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ދެނެނުގަނެވޭ ވަރަށް ކުނިވެ އެމީހުންގެ އާއިލާތަކަށް ބަދަލު ވެސް ނުދޭ ކަމަށެވެ.

އިންޑިއާގެ ގާނޫނުގެ ދަށުން ޖަންކުޝަންތައް ސާފުކުރަންގެންގޫޅޭ ހާއްސަ އާލަތްތައް ނެތި މަސައްކަތު މީހުން ޖަންކުޝަންތަކަށް ފައިބައި ހެދުމަކީ މަނާކަމެކެވެ.

"މިކަމުގައި ޒިންމާ ނަގާނެ އެއްވެސް ފަތާރެއް ނެތް. މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފިއްޔާ ބުނާނެ 2013 ފެށިގެން ޖަންކުޝަންތައް ސާފުކުރަނީ އެކަމަށް ހާއްސަ އާލާތްތައް ބޭނުންކޮށްގެންނޭ. ނަމަވެސް ހަގީގަތަކީ މިގައުމުގެ އެއްވެސް ޖަންކްޝަންއެއް ސާފުކުރުމަށް އެކަމަށް ބޭނުންވާ އެއްވެސް އާލާތެއް ނުގެންގުޅޭކަން. ހަމަ މީހުން ޖަންކްޝަންތަކަށް ފައިބައިގެން އެކަން ކުރަނީ." ވިލްސަން ވިދާޅުވި އެވެ.