ޕީޕީއެމްގެ ހަތަރު މަޖިލިސް މެމްބަރަކު އެ ޕާޓީން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޕީޕީއެމްގެ ކައުންސިލް މެމްބަރުންނަށް އަންގަވައިފިއެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރަކު ސަންއަށް ވިދާޅުވީ، މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި، ރައީސް ޔާމީން އެންގެވީ "ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕްގެ ހަތަރު މެންބަރަކު ޕާޓީން ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައި" ކަމަށެވެ.

ސަންއަށް މައުލޫމާތު ދެއްވި މެންބަރު ވިދާޅުވީ، އެ ޕާޓީން ވަކިކޮށްފައިވާ މަޖިލިސް މެންބަރުންނަކީ، މަޑުއްވާރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތުއާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހީމާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ކަމަށެވެ.

އެ ހަތަރު މެންބަރުންގެ ތެރޭން، ލަތީފު ފިޔަވައި އެހެން ހުރިހާ މެންބަރުންނަކީ ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅުންނެވެ.

ލަތީފަކީ އަމިއްލަގޮތުން އިންތިޚާބުވެފައިވާ މެންބަރެކެވެ.

ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ހުކުމް ކުރި ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން ވަކިވުން ނުވަތަ އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގޮނޑި ގެއްލޭނީ އިންތިޚާބުވި ޕާޓީން ވަކިވެއްޖެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

އެ ހުކުމަށްފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި މެމްބަރުންގެ ގޮނޑި ގެއްލޭކަމަށް އެ ހުކުމްގައިވާ ތިން ހާލަތު އިތުރަށް ތަފްސީލުކޮށްދީފައެވެ.

އެ އަމުރުގައި ބުނެފައި ވަނީ އެ ހުކުމްގައި ބަޔާންކޮށްފައިވާ ތިން ހާލަތުން ކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ، ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޤަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސްގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަޠްބީޤު ނުވަތަ ތަންފީޛު ކުރުން ހުއްދަކުރެވިފައި ނުވާކަން އެ ޙުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައި ވަނީ މެމްބަރެއްގެ ގޮނޑިއެއް ގެއްލިއްޖެކަމާ މެދު ޚިލާފެއް އުފެދިއްޖެނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައި ވަނީ ހުސްވާ މަޖިލިސް ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެމްބަރަކު އިންތިޚާބު ކުރަންވާނެ ކަމަށެވެ. އަދި ގޮނޑި ހުސްވި ތާރީޚުން ފެށިގެން ކުރިއަށް އޮތް މަޖިލިސް އިންތިޚާބާ ދެމެދު އޮތީ ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ކަމުގައިވާނަމަ އިންތިޚާބު ބާއްވައިގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައިވެއެވެ.