19 Jul 2017, 00:17
މާލޭ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ކުރަމުންދިޔަ މަސައްކަތް، ޓީސީ ސްޕޯޓްސް ކްލަބުން ނިމުމަކަށް ގެނައުމާއެކު، ކްލަބު ގްރީން ސްޓްރީޓްސްއަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.
މާލޭ ލީގުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި ވިކްޓަރީގެ މައްޗަށް ޓީސީން ކުރި ހޯދީ، 4-1 ލަނޑުގެ ނަތީޖާއަކުންނެވެ. ޓީސީއަށް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުވާނީ މާދަމާ ގްރީން ސްޓްރީޓްސް އަތުން ކްލަބު އީގަލްސް ބަލިވެއްޖެނަމައެވެ.
ލީގު ތާވަލުގެ ތިންވަނައިގައި ގްރީން އޮތީ ކުޅުނު 13 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތަރުވަނައަށް ޖެހިލި ޓީސީއާއި ފަސްވަނައިގައި އޮތް އީގަލްސްއަށް ވެސް ލިބިފައިވަނީ 22 ޕޮއިންޓެވެ. ގޯލުގެ ތަފާތުން ޓީސީ ކުރީގައި އޮތް ނަމަވެސް، އީގަލްސްއަށް ފައިދާ އެއް މެޗު އެބައޮތެވެ. މިއަދުގެ މެޗުން ބަލިވި ވިކްޓަރީން ލީގު ނިންމާލީ ކުޅުނު 14 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި އޮވެއެވެ. ވިކްޓަރީއަށް ލިބިފައިވަނީ ފައިދާ އެންމެ ގޯލެކެވެ.
މިރޭ ކުޅުނު މެޗު ޓީސީން ފެށީ ވެސް ވަރުގަދަ ކުޅުމަކާއެކުއެވެ. މެޗުގެ ކުރީކޮޅު ޓީސީގެ ސްޓެވާޓް ކޯނެލިއަސްއާއި، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އާއި، މުހައްމަދު ސާމިރަށް ލިބުނު ހުސް ފުރުސަތުތަކުގެ ހުރަހަކަށް ވެގެންދިޔައީ ވިކްޓަރީގެ ސީރިއާ ކީޕަރު މަހްމޫދު އަލް ޔޫސުފެވެ.
ގިނަ ހަމަލާތަކަކަށްފަހު ޓީސީން މެޗުގެ ލީޑު ހޯދީ 26 ވަނަ މިނެޓުގައެވެ. ކޯނެލިއަސް ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެއެވެ. އޭނާއަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ، ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ޓީސީން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ހޯދައިފައެވެ. ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީން ފޮނުވާލި ހަމަލާއެއް ކީޕަރު މަހްމޫދު މަތަކުރުމާއެކު ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ރީބައުންސް ބޯޅައަކުންނެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ ޓީސީން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށް، އުންމީދެއް އާކޮށްފައެވެ. މުހައްމަދު ސެޑިކް ދިން ބޯޅައަކުން ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް ކެރިޗް އަންދްރޭޖްއެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުން ކެރިޗް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
ޓީސީން ކާމިޔާބުކުރި ފަހު ދެ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 80 ވަނަ މިނެޓުގައި ކީޕަރު މަހްމޫދު ކައިރިން ނައްޓާލުމަށްފަހު ޓީސީގެ ތިންވަނަ ލަނޑު މުހައްމަދު އައްޒާމް ކާމިޔާބުކޮށްދިންއިރު، އޭގެ ދެ މިނެޓްފަހުން ޓީސީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކޯނެލިއަސްއެވެ. އޭނާ ވެސް އެ ލަނޑު ކާމިޔާބުކުރީ ކީޕަރު މަހްމޫދު ކައިރިން ނައްޓާލުމަށްފަހުއެވެ.
މާލޭ ލީގުގެ ފަހު ދެ މެޗު މާދަމާ ކުރިއަށްދާނެއެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ މެޗުގައި އީގަލްސްއާއި ގްރީން ބައްދަލުކުރާއިރު، މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެ މެޗުތަކަށްފަހު ގަދަ ހަތަރެއްގެ ޖާގަ ހޯދާ ފަހު ޓީމާއި ލީގު ޗެމްޕިއަން ޓީމު ކަށަވަރުވެގެންދާނެއެވެ.