19 Jul 2017, 10:22
އެމެރިކާ -- (ޖުލައި 18) އެމެރިކާ އިން އީރާނަށް އަނެއްކާ ވެސް އިތުރުު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި އެވެ.
މިފިޔަވަޅު އެމެރިކާ އިން އަޅާފައި މިވަނީ އީރާނުން އިތުރު ބަލިސްޓިކް މިސައިލްތަކެއް ދާދިފަހުން ޓެސްޓު ކުރި ފަހުންނެވެ. އަދި އެމެރިކާ އިން ބުނި ގޮތުގައި އީރާނުން ކުރަމުންގެންދާ މިސައިލް ޓެސްޓުތަކަކީ އެމީހުން ޓެރަރިޒަމް އަށް ތާއީދުކޮށް އެކަމަށް މަގުފަހިވާގޮތަށް ކުރާ ކަމެކެވެ.
އީރާނުގެ މައްޗަށް މިއެޅި ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން ޓެރަރިޒަމާއި އަދި އެފަދަ ކަންކަމާ ގުޅުން ހުރި ތަފާތު 18 ޖަމާއާތަކަށް ގެއްލުންތައް ދައްކާނެ ކަމަށާއި އަދި މި ހުރިހާ ޖަމާއަތްތަކަކީ އީރާނަށް ތާއިދުކުރާ ބައެއް ކަމަށާއި އެ ގައުމުގެ މިސައިލް ޓެސްޓުތައް ކުރުމުގެ މަސައްކަތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެހީތެރިކަން ވެސް މި ޖަމާއަތްތަކުން ފޯރުކޮށްދޭ ކަމަށް އެމެރިކާ އިން ތުހުމަތުކުރެ އެވެ.
އެމެރިކާ އިން މިއެޅި ދަތިކުރުމުގެ ފިޔަވަޅުގެ ތަފްސީލު ވަނީ ނޫސްބަޔާނަކުން ނެރެފަ އެވެ. އަދި މިނޫސްބަޔާނުގައި އީރާނުން ސީރިއާގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުމުގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން ގެންދާ ޖަމާއަތްތަކަށް ތާއީދުކުރާ ކަމަށާއި އަދި ހިޒްބުﷲ އަދި ހަމާސް ފަދަ ޖަމާއަތްތަކަށް އެހީތެރިކަން ވެސް ފޯރުކޮށްދޭކަމަށް ތުހުމަތުކޮށްފައިވެ އެވެ.
"އީރާނުން ކެނޑިނޭޅި ކުރަމުންގެންދާ ގަވައިދާ ހިލާފު އަމަލުތަކުގެ ސަބަބުން އެމެރިކާ އަބަދު ވެސް އޮންނަނީ ކަންބޮޑުވެފައި، އަދި އީރާނުން ދަނީ ހުއްޓުމެއްނެތި މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަމުން." އެމެރިކާ އިން ނެރުނު ނޫސްބަޔާނުގައިވެ އެވެ.
މިމައްސަލައާ ގުޅިގެން އީރާނުން ރައްދު ދޭނެ ކަމަށް އެގައުމުން ވަނީ އިންޒާރުދީފަ އެވެ. -- މައުލޫމާތު: ބީބީސީ