ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދިރިއުޅުއްވާގޭގެ ސީސީޓީވީ ފްޓޭޖްގެ ހާޑް ޑްރައިވް ފުލުހުން ގެންގޮސްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެގެއަށް ވަދެފައި ވަނީ މިއަދު މެންދުރުފަހު 1:45 އެހައިކަންހާއިރުއެވެ.

ފާރިސްގެ ދައްތަ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ފާރިސްއާ މެދު ފުލުހުން އަމަލުކުރާގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ބުނާއިރު، މިހާރު ހޯދަނީ ކޮން ހެއްކެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ޔުމްނާ ވިދާޅިވިއެވެ.

އޭނާ ވިދާޅުވީ ފާރިސްއާ ދެކޮޅަށް އެއްވެސް ހެއްކެއް ނުހުންނާނެ ކަމަށާއި ނުކުރާ ކަމެއްގެ ހެކި ނުހުންނާނެ ކަމަށެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ އިތުރު ބަޔަކާ ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތެވެ.