ޓްރަސްޓް އެންޑް ކެއަރ (ޓީސީ) ސްޕޯޓްސް ކްލަބުގެ ސްކޮޑް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެޓީމަށް، ދިވެހި ދެ ކުޅުންތެރިއަކު ގެނެސްފިއެވެ.

ޓީސީއާ ގުޅުނު ދެ ކުޅުންތެރީންނަކީ، ކްލަބު އީގަލްސްގެ ތަޖްރިބާކާރު ޑިފެންޑަރު އަހްމަދު ޒާދު އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޒުވާން ފޯވަޑް އަހްމަދު ސުހައިލް (ބަންބުޗް)އެވެ.

ޓީސީގެ ރައީސް އަހްމަދު އައްބާސް (އައްބު) ވިދާޅުވީ، ކުރިއަށް ހުރި މުބާރާތްތަކަށް ޓީސީގެ ސްކޮޑް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އަލަށް ގުޅުނު ދެ ކުޅުންތެރީންގެ ސަބަބުން ޓީސީގެ ޑިފެންސްލައިނާއި އެޓޭކިން އިތުރަށް ފުރިހަމަވެގެން ދާނޭކަމަށް ގަބޫލުކުރާ ކަމަށެވެ.

"ބަންބުޗް އަޅުގަނޑުމެން ޓީމާ މި ގުޅުނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް. ޒާދު ޓީސީއާ ގުޅުނީ ލޯނު އުސޫލުން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި،" އައްބު ވިދާޅުވިއެވެ.

ޓީސީއަށް ގެނައި މިސްރުގެ މިޑްފީލްޑަރު ޚަލީލް އަލް ޒަބަވީ (ވ) -- ފޮޓޯ: ޓީސީ

ޓީސީން ވަނީ، މި ޖުލައިމަހުގެ ތެރޭގައި އެޓީމަށް މިސްރުގެ މިޑްފީލްޑަރެއްވެސް ގެނެސްފައެވެ. މީގެ ކުރީން މިސްރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކްލަބުތަކަށް ކުޅެފައިވާ މިޑްފީލްޑަރު ޚަލީލް އަލް ޒަބަވީ އަކީ ޓީސީއާ މިސީޒަންގައި ގުޅުނު މިސްރުގެ ދެވަނަ ކުޅުންތެރިޔާއެވެ. މި ސީޒަނާ ޓީސީން ކުރިމަތިލި އިރު އެޓީމަށް ވަނީ މިސްރުގެ ޑިފެންޑަރެއް ކަމަށްވާ އީސާ އަލްމަޣްރަބީ ގެނެސްފައެވެ.

ޓީސީގެ ރައީސް ވިދާޅުވީ، ޓީސީއަށް ޑިފެންޑަރަކު ގުޅުނު އިރު، ޑިފެންޑަރެއް ދޫކޮށްލާފައިވެސް ވާނޭ ކަމަށެވެ. ޓީސީން ދޫކޮށްލީ، ޑިފެންޑަރު އަލީ އިމްރާން (އިންމަ)އެވެ.