26 Jul 2017, 14:59
ޖުމްހޫރީ ޕާޓީގެ މައި އޮފީހާއި އެ ޕާޓީގެ ޖަލްސާތައް ބާއްވާ މ. ކުނޫޒް ބަލައި ފާސްކޮށް އަދިވެސް ނުނިމޭ ކަމަށް ފުލުހުން ބުނެފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ކުނޫޒް ބަލައި ފާސްކުރަން ފަށާފައިވަނީ އިދިކޮޅު ފަރާތްތަކުން އިސްކޮށް ތިބެ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ހިންގުމަށް ދަތިކުރުމާއި ސަރުކާރު ވައްޓާލުމަށް ސައްލާކޮށް ރޭވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރަސްމީ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުގައި އެކަމާ ގުޅޭ ހެއްކާ ގަރީނާ ހޯދުމަށެވެ.
ރޭ ފަސް ގަޑިއިރެއްހާއިރު ކުނޫޒް ބަލާ ފާސްކުރުމަށް ފަހު، ފުލުހުން ދީފައިވާ ލިޔުމުގައި މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް ނުފެނުނު ކަމަށް ބުނެފައިވެ އެވެ.
އެހެން ނަމަވެސް ފުލުހުން މިއަދު ބުނީ ރޭ ފުލުހުން ބަލާ ފާސްކުރުމަށްފަހު ދޫކޮށްފައިވާ ލިއުމަކީ، ރޭގަ ފާސްކުރި ތަކެއްޗާ ބެހޭ ގޮތުން ދެވުނު ލިއުމެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާލަތެއްގައި ފާސްކޮށް ނިންމުމަށްފަހު ދެވުނު ލިޔުމެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުނޫޒުގައި ބަލައި ފާސްކުރަން ކަނޑައަޅާފައިވާ ތަންތަނާއި ތަކެތި ކޯޓު އަމުރުގައި ދީފައިވާ ވަގުތާއި ހަމައަށް ބަލައި ފާސްކުރުން ކުރިއަށްދާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އަރީފް ސޮއިކުރައްވައި ނެރެދެއްވާފައިވާ ކޯޓު އަމުރުގައިވާ ގޮތުން ކުނޫޒް ފާސްކުރުމަށް އިއްޔެ ހަވީރު 6:00 އިން ފެށިގެން 72 ގަޑިއިރުގެ މުއްދަތެއް ދީފައިވެ އެވެ.