28 Jul 2017, 15:45
ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދާ ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އަމިއްލަފުޅަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ އިދާރާއިން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދުމަށް މަސައްކަތްކުރަމުންދާ، އެމްޕީ ސައުދު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންފައިވާ ކަމަށެވެ.
"އެމްޕީ ސައުދު ހުސައިން ޕޮލިހަށް ހާޒިރުވެއްޖެ. މިވަގުތު އިތުރު ތަފްސީލެއް ދެވޭކަށް ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ސައުދު އަމިއްލަފުޅަށް ފުލުހަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައި ވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ސައުދު ހޯދުމަށް ފުލުހުން ރޭ އޭނާގެ ފޮޓޯ އާންމުކޮށްފައިވާއިރު މިދިޔަ އަންގާރު ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ ސައުދު ދޫކޮށްލާފައެވެ.
ފުލުހުން އެ ރޭ ސައުދު ދޫކޮށްލީ ކޯޓު އަމުރުގައި ހިމެނެން ޖެހޭ އިޖުރާއަތު ފުރިހަމަ ނުވުމުގެ ސަބަބުންނެވެ.
ސައުދު ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން އާންމުކޮށްފައިވީ ނަމަވެސް، ސައުދު ވަނީ އޭނާ އުޅުއްވަނީ ފިއްލަވައިގެން ނޫންކަމަށް ވިދާޅުވެފައެވެ.
ސައުދު މިއަދު ސަންއަށް ވިދާޅުވީ، އޭނާ ހޯދުމަށް ފުލުހުން އިއުލާންކުރީ ކީއްވެގެން ކަން ނޭނގޭ ކަމަށާއި ފުލުހުންނަށް ފިލައިގެން ދާނެ ތަނެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ހުރިތަން ގާނޫނީ ވަކީލުން މެދުވެރިކޮށް އިއްޔެ ފުލުހުންނަށް އަންގާފައިވާ ކަަމަށެވެ.
ސައުދު ވިދާޅުވީ ފުލުހުން އޭނާ ހޯދަން އިއުލާން ކުރި ފަހުން އޭނާ ދިރިއުޅޭ ގެއަށް ގޮސްފައިވާކަމަށާއި ނަމަވެސް އެވަގު އޭނާ ހުންނެވީ ގެއިން ބޭރުގައި ކަމަށެވެ.
އެންމެ ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި ރޭ އޭނާގެ ފަރާތުން ވާހަކަ ދައްކާނެ ވަކީލެއްގެ މައުލޫމާތާއި ގުޅޭނެ ނަންބަރު އަދި އާއިލާއިން އޭނާއާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ މީހުންގެ މައުލޫމާތުވެސް ހިއްސާކޮށްފައިވާކަމަށް ސައުދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ، ގޮނޑިގެއްލިފައިވާ ހަ ބޭފުޅުންގެ ތެރޭގައި ސައުދުވެސް ހިމެނެއެވެ.
ސައުދު ހޯދުމަށް މަސަތްކަތް ކުރަނީ އިދިކޮޅު މަޖިލިސް މެންބަރުން ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ ގޯތިތެރެއަށް ވަން މައްސަލައިގައެވެ.
އެ މައްސަލައިގައި ބައެއް މެންބަރުން ފުލުހަށް ހާޒިރުކޮށްފައިވާއިރު އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑޭ) ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.