ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ، އެޓީމަށް ބޭނުން ނުވާކަމަށް ބުނެފައިވާ ސްޕެއިން ފޯވާޑް ޑިއޭގޯ ކޮސްޓާއަށް ޝައުގުވެރިވާކަން އިޓަލީގެ އޭސީ މިލާނުން ހާމަކޮށްފިއެވެ.

އޭސީ މިލާންގެ ޗެއާމަން މާކޯ ފެސޮނީ ވަނީ، އޭނާ ޑިއެގޯ ކޮސްޓާގެ އޭޖެންޓާ މަޝްވަރާކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ.

އެހެންނަމަވެސް، މި ހިނގާ ޓްރާންސްފާރގައި ޗެލްސީގެ ފޯވާޑް ހޯދުމަށް މިލާނުން ކުރަމުންދާ މަސައްކަތާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ޗެލްސީއަށް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ ތަޖްރިބާކާރު ފޯވާޑް ޗެލްސީ ދޫކޮށް ދާން ނިންމީ، ކުރިއަށް އޮތް ސީޒަންގައި އޭނާގެ ދައުރެއް އެ ޓީމުގައި ނެތްކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނުމާ ގުޅިގެންނެވެ.

ކޮސްޓާ ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އޮތީ އޭނާގެ ކުރީގެ ކްލަބު އެތުލެޓިކޯ މެޑްރިޑް ކަމުގައިވީ ނަމަވެސް، މި ހިނގާ ޓްރާންސްފަރގައި އެކްލަބަށް ބައިވެރި ނުވެވޭގޮތަށް ސަސްޕެންޑުކޮށްފައި ވާތީ، މިލާނުން ދަނީ އޭގެ ފައިދާ ނެގުމަށް މަސައްކަތްކުރަމުންނެވެ.

"ޑިއޭގޯ ކޮސްޓާއަކީ މޮޅު ކުޅުންތެރިއެއް. އަދި އޭނާއަކީ ޗެލްސީގެ ކުޅުންތެރިއެއް. އެހެން ކްލަބުތަކުގެ ކުޅުންތެރީންގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން،" މާކޯ ވިދާޅުވިއެވެ.

މިލާންގެ ޗެއާމަން ވިދާޅުވީ، ކޮސްޓާގެ އޭޖެންޓް ޖޯޖް މެންޑޭޒާ ބައްދަލުކުރުމަށް އޭނާ ވަޑައިގެންނެވި ކަމަށާއި އަދި ކޮސްޓާއަކީ މޮޅު ކުޅުންތެރިއަކަށް ވުމުން އޭނާއާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އޭނާއަކީ ޗެލްސީގެ ކުޅުންތެރިއަކަށް ވުމުން އިތުރަށް މައުލޫމާތު ހިއްސާކުރާން ބޭނުން ނުވާކަމަށެވެ.