31 Jul 2017, 23:50
ޓެކުހަށް މަކަރު ހެދުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެފައި ނުވާނެ ކަމަށް ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ރޮނާލްޑޯ 2011 އިން ފެށިގެން 2014ގެ ނިޔަލަށް 14.7 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރު ހަދާފައިވާ ކަމުގެ ދައުވާގެ އަޑުއެހުމަށް މިއަދު އޭނާ ކޯޓަށް ހާޒިރުވިއެވެ.
ދޮޅު ގަޑިއިރަށް ދިގުދެމިގެންދިޔަ އެ އަޑުއެހުމަށްފަހު ކޯޓުން ނުކުމެ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރޮނާލްޑޯ ދެކޮޅު ހެދި ނަމަވެސް، އެ މައްސަލައާ ގުޅޭގޮތުން އޭނާ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އޭނާ ވަނީ ކުރިން ވެސް ބުނަމުންދިޔަ ގޮތަށް، ޓެކުހަށް މަކަރު ހަދާފައިނުވާނެ ކަމަށް ބުނެފައެވެ.
"އަހަރެން އެއްވެސް އެއްޗެއް ސިއްރު ކުރާކަށް ނޫޅެން. އަދި އަހަރެން އެއްވެސް އިރެއްގައި ޓެކުހަށް މަކަރު ހަދަން ވިސްނާފައެއް ނުވާނެ. ސްޕެނިޝް ޓްރެޜަރީއަށް އަހަރެންނަށް ލިބޭ އާމްދަނީއާއި ހުރިހާ މައުލޫމާތެއް އެނގޭނެ. އެއީ އަހަރެން އެމީހުންނަށް ބަރާބަރަށް އެ މައުލޫމާތުތައް ފޯރުކޮށްދޭތީ. އަހަރެން އަބަދުވެސް މިދަނީ ގަވާއިދުން ޓެކްސް ދައްކަމުން. އެއީ އަހަރެން ގަބޫލުކުރަނީ އެމީހަކަށް ލިބޭ އާމްދަނީއަކަށް ބަލާފައި ޓެކެސް ދައްކަން ޖެހޭނެތީ،" ރޮނާލްޑޯގެ ބަޔާނުގައި ބުނެފައިވެއެވެ.
ރޮނާލްޑޯ ބުނީ، އޭނާ ދަންނަ މީހުންނަށް އޭނާގެ އެޑްވައިޒަރުންގެ ކިބައިން އެދޭ ކަންތައް ސާފުވާނެ ކަމަށާއި އޭނާ އަބަދުވެސް އެޑްވައިޒަރުންގެ ކިބައިން އެދެނީ ކޮންމެ ދުވަހަކު ވެސް ހިންގާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލުތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެގޮތަށް އެދެމުންދަނީ އެއްވެސް މައްސަލައެއް ކުރިމަތިވިޔަ ނުދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ބުންޏެވެ.
ދުނިޔޭގެ ރެކޯޑް ފީއަކަށް 2010 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރެއާލަށް ބަދަލުވުމާއެކު އިމޭޖް ރައިޓްސްއަށް ރޮނާލްޑޯ ހާއްސަ ކުންފުންޏެއް އުފައްދާފައިވާ ކަމަށް ތުހުމަތު ކުރަމުންދިޔަ ނަމަވެސް، އެކަމަށް ވެސް އޭނާ ދަނީ އިންކާރު ކުރަމުންނެވެ.
"އަހަރެން ރެއާލަށް ބަދަލުވުމަށްފަހު އެފަދަ ހާއްސަ ކުންފުންޏެއް އުފައްދާފައެއް ނުވާނެ. އަހަރެންގެ އެފަދަ ކަންތައްތައް ބަލަމުންދަނީ އިނގިރޭސިވިލާތުގައި ވެސް އެކަންތައްތައް ބަލަމުންދިޔަ ފަރާތްތައް. އެ ކުންފުންޏެއް ހެދިފައިވަނީ 2004 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ލޯޔަރުންގެ ކިބައިން އެދުމުން. އެއީ ސްޕެއިނަށް އަހަރެން އައުމަށްވުރެ މާކުރިން ހިނގާފައިވާ ކަމެއް،" އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ.