އިނގިރޭސި ޗެމްޕިއަން ޗެލްސީގެ ސާބިއާ މިޑްފީލްޑަރު ނަމެންޔާ މަޓިޗް، މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

އޮގަސްޓް އެއްވަނަ ދުވަހު އުމުރުން 29 އަހަރު ފުރޭ މަޓިޗް، ޔުނައިޓެޑާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މަޓިޗް ޔުނައިޓެޑާ ގުޅުނުކަން އެ ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޔުނައިޓެޑަށް މަޓިޗް ގެންދިޔަ އަގެއް އެ ކްލަބުން ހާމަކުރުމަށް ދެކޮޅު ހެދި ނަމަވެސް، އޭނާ އެ ކްލަބާ ގުޅުނީ 40 މިލިއަން ޕައުންޑްގެ އަގަކަށް ކަމަށް ހަބަރުތައް ބުނެއެވެ. މަޓިޗް ވަނީ ޗެލްސީއަށް 121 ޕްރިމިއާ ލީގު މެޗު ކުޅެ، ހަތަރު ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ޗެލްސީގެ ފުރަތަމަ 11އިން މަޓިޗް 30 މެޗެއްގައި ފެނިގެންދިޔައިރު، އެ ކްލަބުގެ މެދުތެރެއިން ޖާގައެއް ހޯދުމަށް އޭނާ ޖެހުނީ ސެސް ފެބްރިގާސްއާއި އެންގޯލޯ ކަންޓޭއާ ވާދަކުރާށެވެ. ޔުނައިޓެޑާ މަޓިޗް ގުޅިފައިވަނީ ޗެލްސީން ފްރާންސް މިޑްފީލްޑަރު ޓިއެމޯ ބަކަޔޯކޯ ސޮއިކޮށްފައި ވަނިކޮށެވެ.

މަޓިޗް ވަނީ ޗެލްސީގައި ކުރިން ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެފައެވެ. މަޓިޗްއާ ގުޅޭގޮތުން މިހާރު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެހުރި މޮރީނިއޯ ބުނީ، މަޓިޗްއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ މިހާރު ހޯސޭ މޮރީނިއޯގެ ކުޅުންތެރިއެއް ކަމަށެވެ.

"އަހަރެމެން ބޭނުންވާ ހުރިހާ ސިފައެއް އޭނާގެ ގައިގައި އެބަހުރި. މަޓިޗް އަހަރެމެންނާ ގުޅެން ބޭނުންވެފައި ހުރުމުން އަހަރެމެން އޭނާއަށް ޝުކުރު އަދާކުރަން. އެހެން ނޫންނަމަ އަހަރެމެންނަށް މަޓިޗް ނުލިބުނީސް. އަހަރެމެން 31 ނަންބަރަށް މަރުހަބާ ކިޔަން،" ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑާ ގުޅުމަށްފަހު މަޓިޗް ބުނީ، އެ ކްލަބަށް އާދެވުމުން ވަރަށް އުފާކުރާ ކަމަށާއި އަލުން މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެން ފުރުސަތު ލިބުމަކީ ދޫކޮށްލެވޭނެ ހުށަހެޅުމެއް ނޫން ކަމަށެވެ. އަދި މަޓިޗް ވަނީ ޗެލްސީގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވެސް ޝުކުރު އަދާކޮށްފައެވެ.