ޜާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާކޮށް އިޝްތިހާރު ކުރުމަށް ޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) އިން ފޮޓޯގްރަފީ އެމްބެސެޑަރުންގެ ގޮތުގައި ފަސް މީހަކު ހަމަޖައްސައި އެކު އެއްބަސްވުމުގަައި މިއަދު ސޮއިކޮށްފި އެވެ.

ވެލާނާގޭގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެމްއެމްޕީއާރުސީ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެންޓަރު ހާރިސް މުހައްމަދެވެ. އަދި ޓޫރިޒަމް މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މިނިސްޓަރު ހުސެއިން ލިރާރް އެވެ.

މިއަދު އައްޔަނުކުރެވުނެ އެމްބެސެޑަރުން ފަސް ދާއިރާ އެއް ތަމްސީލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ޑައިވް ސެގްމެންޓާއި ފެމިލީ ޓޫރިޒަމާއި ވޯޓާ ސްޕޯޓްސް ސެގްމެންޓްގެ އިތުރުން ހަނީމޫން އަދި ކަލްޗަރަލް ސެގްމެންޓެވެ.
އެންބެސެޑަރުންގެ ގޮތުގައި އައްޔަނުކުރެވުނު ފަރާތްތަކަކީ؛ އަލީ މަސްރަހު، ރަމޯން ނަސްރުﷲ ކަމާލުއްދީން، އަހުމަދު ޝުއާއު، މުހައްމަދު އަޒްމީލް، އަދި ޝިފާޒް ޝަމްއޫން އެވެ.

އެމްއެމްޕީއާރުސީ އިން ބުނި ގޮތުގައި އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ފޮޓޯގްރާފަރުންގެ ފޮޓޯތައް އެކޯޕަރޭޝަނުގެ ސޯޝަލް އަދި ޑިޖިޓަލް މީޑީއާ އަދި އެ ނޫން ވެސް ގޮތްގޮތުން ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންކުރާނެ ކަމަށެވެ.

އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ހަމަޖެއްސި އެ އެމްބެސެޑަރުންނަށް ހޮވައިފައި ވަނީ އެކަމަށް ހާއްސަ ޕެނަލަކުން އިންސާފު ކުރުމަށް ފަހު ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ. އަދި އެމްބެސެޑަރުންގެ ގޮތުގައި ހޮވުނު ފަރާތްރަކަށް އެއްވެސް އުޖޫރައެއް ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

އެމްއެމްޕީއާރުސީ އިން ބުނި ގޮތުގައި މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ދިވެހި ފޮޓޯގްރާފަރުންގެ މަސައްކަތް އިތުރު ހަރުފަތަކަށް ގެނެސް އެފަރާތްތަކުގެ މަސައްކަތް ރާއްޖޭގައި ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި އޭގެ ސަބަބުން ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާނެ އެވެ.