ސަރުކާރުގެ ޚަރަދުތައް މިދިޔަ އަހަރުގެ މިހާތަނަށް ހުރި ވަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔާ ހަމައަށް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފި އެވެ.

އެމްއެމްއޭ އިން ކޮންމެ މަހަކު ވެސް ނެރޭ އިގްތިސާދީ ރިވިއުގެ ޖުލައި މަހުގެ އަދަދު ބުނާ ގޮތުގައި، މި އަހަރުގެ ޖޫން މަހު ސަރުކާރުގެ ޖުމްލަ ޚަރަދަކީ 1.5 ބިލިޔަން ރުފިޔާ އެވެ.

އެމްއެމްއޭ އިން ބުނީ މިއީ 2016 ވަނަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު 735 މިލިޔަނެއްހާ ރުފިޔާ ދަށް އަދަދެއް ކަމަށެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާ އިރު ސަރުކާރުގެ ޚަރަދުތައް ދެބައިކުޅަ އެއްބައެއްހާ މިންވަރަކަށް ދަށްވުމެވެ.

އެމްއެމްއޭގެ އިގްތިސާދީ ރިވިއު ބުނާ ގޮތުން، ޖޫން މަހުގެ ޚަރަދުތައް ދަށްވީ ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ކެޕިޓަލް ޚަރަދު ދަށްވުމާއި ސަރުކާރު ހިންގުމަށް ކުރާ ރިކަރަންޓް ޚަރަދު ވެސް ދަށްވުމާ ގުޅިގެންނެވެ.

ސަރުކާރުގެ ޚަރަދުތައް ދަށްވެފައިވާ އިރު، ޖޫން މަހުގެ ނިޔަލަށް ސަރުކާރަށް 1.2 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. އެހެެން ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު ގާތްގަނޑަކަށް 380 މިލިޔަން ރުފިޔާ ދަށް އަދަދެކެވެ. ސަބަބަކީ، މުހިންމު ޓެކްސްތަކެއް ދައްކަން ޖެހޭ މުއްދަތު، ޖޫން މަހުގެ ތެރޭގައި އިތުރުކުރުމާ ގުޅިގެން، ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމެވެ.

މީގެ އިތުރުން ޓެކްސް ނޫން އާމްދަނީ ވެސް މައިގަނޑު ގޮތެއްގައި ވަނީ ދަށްވެފަ އެވެ. ސަބަބަކީ، ބިން ވިއްކައިގެން ދައުލަތަށް ލިބުނު އާމްދަނީ ދަށްވުމެވެ.