ދެކުނު ކޮރެއާއިން ރަސްމީ ގޮތެއްގައި އުތުރު ކޮރެއާއާ އެކު ސުލްހައިގެ ވާހަކަތަކަށް ކުރިޔަށް ގެންދާނެ ކަމަށް އިޝާރާތްކޮށްފިއެވެ.

މިހަފްތާ ބަންދު ތެރޭގައި ހަމަޖެހިފައިވާ ދެގައުމުގެ ދެމެދުގައި ތާވަލުކުރެވިފައިވާ ބައްދަލުވުންތަކުގައި އުތުރު ކޮރެއާގެ ނިއުކްލިއާ ޓެސްޓްތަކުގެ މައްސަލައާއި އަދި ސުލްހައިގެ ވާހަކަތަށް ކުރިޔަށް ގެންދާނެ ކަމަށް ދެކުނު ކޮރެއާއިން ވަނީ ބުނެފައެވެ.

ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރު ކަންގްް ކިޔުންގް-ވާ ވިދާޅުވި ގޮތުގައި އެބޭފުޅާ ހުންނެވީ އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރާ އެ މައްސަލައާ ބެހޭ ގޮތުން ވާހަކަދެއްކުމަށް ތައްޔާރަށެވެ.

ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލުން މިއަދުގެ ވަގުތެއްގައި ދަނީ އުތުރު ކޮރެއާއަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަށް އެޅުމަށް ތައްޔާރުވަމުންނެވެ.

ދެކޮރެއާގެ ދެމެދުގައި ބޭއްވޭ ވާހަކަތަކުގައި ބައިވެރިވުމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ރެކްސް ޓިލަސަން ވެސް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

ދެކުނު ކޮރެއާއިން އުތުރު ކޮރެއާއާ އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިމިވަނީ ދާދި ފަހުން އުތުރު ކޮރެއާއިން ކުރި ބަލިސްޓިކް މިސައިލް ޓެސްޓްތަކާ ގުޅިގެން ކަމަށް ދެގައުމުގެ އިސްވެރިންވަނީ ހާމަކޮށްފަ އެވެ.

އުތުރު ކޮރެއާއިން ކުރަމުންގެންދާ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ޓެސްޓުކުރުމުގެ މަސައްކަތަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން އެގައުމަށް ރައްދުވާ ކަމެކެވެ. އަދި ދާދިފަހުން އެގައުމުން ބަލިސްޓިކް މިސައިލުތަކެއް ޓެސްޓުކުރުމުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީީ އެކަމާ ކަންބޮޑުވާކަން ފާޅުކޮށްފައެވެ.

މީގެ އިތުރުން ޓްރަމްޕްވަނީ މިމައްސަލައާ ގުޅިގެން ޗައިނާއިން ހަނުއޮންނާތީ އެގައުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޗައިނާއަކީ ބައިނަލް އަގްވާމީ ގޮތުން އުތުރުު ކޮރެއާގެ ހަމައެކަނި ވާގިވެރި ގައުމެވެ. ނަމަވެސް އުތުރު ކޮރެއާގެ ހަތިޔާރު ޓެސްޓުކުރުމުގެ މަސައްކަތަށް ޗައިނާއިން ވެސް ވަރަށް ބޮޑަށް ފާޑުކިޔާފާ ވެއެވެ.

ގިނަ ގައުމުތަކުން ދެކޭ ގޮތުގައި އުތުރު ކޮރެއާއާ ދެމެދު އެކަށީގެންވާ ގޮތަށް ދަތިކުރުމުގެ ފިޔަވަޅު ނޭޅެނީވެސް ޗައިނާ އެފަދަ ކަންކަމަށް ހުރަސް އެޅުމުގެ ސަބަބުންނެވެ.

ވީޓޯ ކުރުމުގެ ބާރު ނޭޓޯގައި ލިބިފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނުމުގެ ސަބަބުން އެގައުމުން ވަނީ މިފަދަ އެތަކެއް މައްސަލައެއްގައި އުތުރު ކޮރެއާ ދިފާއު ކޮށްފައެވެ.

ނަމަވެސް މިއަދު ޔޫއެން ސެކިއުރިޓީ ކައުންސިލުން އުތުރު ކޮރެއާގެ މައްޗަށް އިންވެސްޓްމަންޓް ހޯދުމާއި އެގައުމުން އެކްސްޕޯޓުކުރާ ތަކެތި ހުއްޓުވުމަށް ނުވަތަ އެކްސްޕޯޓުކުރެވޭ މިންވަރު ހަނިކުރުމަށް އަޅާ ދަތިކުރުމުގެ ފިޔަވަޅަށް ޗައިނާއިން ތާއިދު ކުރާނެ ކަމަށް ވަނީ ގިނަބަޔަކު ބުނެއެވެ.

އުތުރު ކޮރެއާގެ އިގްތިޞާދުގެ އާމްދަނީއެއް ބިނާވެފައި އޮންނަނީ އެ ގައުމުން ޗައިނާއަށް ބޭރުކުރާ ކޯލް، އަދި ބިމު އަޑިން ނެގޭ ތަފާތު މައުދަންތަކާއި އެކިކަހަލަ ރޯ މެޓީރިއަލްތަކުންނެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރެއްގެ މައްޗަށް ތިން ބިލިއަން ޑޮލަރުގެ ތަކެތި އުތުރު ކޮރެއާއިން އެކްސްޕޯޓުކުރެއެވެ.

ނަމަވެސް އެގައުމުގެ މައްޗަށް އެޅުމަށް އެޅުމަށް ހަމަޖެހިފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން މިއާމްދަނީ އިން އެއް ބިލިއަން ޑޮލަރު އުނިކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބޭރުގެ ހަބަރު ފަތުރާ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

މަސްދަރު: ބީބީސީ