ޗައިނާ އާއި އުތުރު ކޮރެއާ އަކީ ޒަމާންވީ، ރަހްމަތްތެރި ދެ ގައުމެކެވެ. މީގެ ކުރިން އދ. މެދުވެރިކޮށް އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅޭ ކޮންމެ ފަހަރަކު ވެސް އޭގެ ހުރަހަކަށް ވަނީ ޗައިނާއެވެ.

ނަމަވެސް ޗައިނާއިން އުތުރު ކޮރެއާ އާ މެދު ގެންގުޅޭ ސިޔާސަތު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

މިއަދު ސަލާމަތީ މަޖިލީހުން އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ހުށައެޅި ގަރާރާ އެއްކޮޅަށް ޗައިނާއިން ވަނީ ވޯޓުދީފައެވެ. އުތުރު ކޮރެއާ އާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް މިފަހަރު އަޅައިފައިވަނީ އެގައުމުން ދޭތެރެ ދޭތެރެއިން ކުރަމުންދާ ނިއުކްލިއަ ޓެސްޓުތަކުގެ މައްސަލައިގައެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އުތުރު ކޮރެއާ އާ ދެކޮޅަށް ފާސްކުރުމަށް ފަހު ޗައިނާގެ ހާރިޖީ ވަޒިރު ވޭންގް ޔީ ވަނީ އުތުރު ކޮރެއާއިން މަޑުން އޮތުމަށާއި އަދި އިތުރު ނިއުކުލިއާ މިސައިލް ޓެސްޓު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އޭގެ އިތުރުން މިއަދު ފާސްކުރި ގަރާރަށް ބޯލެނބުމަށް ވެސް ޗައިނާއިން ވަނީ ގޮވާލައްވައިފައެވެ.

ވޭން އިތުރަށް ވިދާޅުވިގޮތުގައި އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި ދަތިކުމުގެ ފިޔަވަޅަކީ ކޮންމެހެން ބޭނުން ކަމަށް ވިޔަސް އެއީ އެންމެ ފަހުގެ ނިންމުން ނޫންކަމަށާއި އަދި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް އެދި ވަޑައިގެންނެވިއެވެ.

އުތުރުކޮރެއާއާ ދެކޮޅަށް މިއަދު ފާސްކުރި ގަރާރުގައި މަނާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ބޯޓުދެއްޔާއި އަޔަން އަދި އަޔަން އޯރް އެެކްސްޕޯޓު ކުރުން ހިމެނެއެވެ. ބޭރު ގައުމުތަކުގައި މަސައްކަތްކުރާ އުތުރުކޮރެއާ މީހުންގެ އަދަތު އިތުރު ކުރުމާއި އެގައުމުގެ ކުންފުނިތަކާ އެކު އެހެން ގައުމުތަކުގެ ކުންފުނިތަކުން ޖޮއިންޓް ވެންޗާ އުފެއްދުން ވެސް އެގަރާރުން ވަނީ މަނާކޮށްފައެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނާމް މެލޭޝިއާ އެއާޕޯޓުގައި ހުންނަވަނިކޮށް ވަނީ ދާދި ފަހުން އަވަހާރަކޮށްލައިފައެވެ. ޗައިނާގެ ހިމާޔަތުގައި ދިރިއުޅޭ ނާމްގެ މަރުގެ ތުހުމަތު ގިނަ ބަޔަކު އަޅުވައިފައިވަނީ އުތުރުކޮރެއާގެ ބޮލުގައެވެ. އެމައްސަލައިގައި ޗައިނާ އާއި އުތުރުކޮރެއާގެ ގުޅުން ވަނީ މިއިން ޒަމާނަކުވެސް ގޯސް ނުވާވަރަށް ގޯސްވެފައެވެ.