ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ތިން އަހަރު ވުމާ ގުޅިގެން މިއަދު މާލޭގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި ދެ މަޖިލިސް މެމްބަރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ އެ އެއްވުމަކީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ބޭއްވި އެއްވުމެއް ކަމަށެވެ. އެ ސަބަބާހުރެ އެއްވުން ރޫޅާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް އެވެ.

އަލީ އާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުން ބުނީ މިއަދު ކުރިއަށް ގެންދިޔަ އެ އެއްވުމުގެ ތެރެއިން ޖުމްލަ ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

އެ އެއްވުން ފުލުހުން ރޫޅާލި ވަގުތު، އެއްވުމުގެ ބައިވެރިން ޝުއޫރުފާޅު ކުރަން ގެންގުޅުނު ޕޯސްޓަރުތަކާއި ބެނާތައް ފުލުހުން ވަނީ އަތުލާފަ އެވެ. އަދި އެއްވުން ރޫޅާމުގައި ޕެޕާ ސްޕްރޭ ވެސް ބޭނުންކޮށްފައިވެ އެވެ.

މިއަދު ކުރިއަށް ގެންދިޔަ ހިނގާލުމުގެ ބައިވެރިން ޝުއޫރުފާޅު ކުރުމަށް ގެންގުޅުނު ބޯޑެއް ފުލުސް މީހަކު އަތުލައިގެން ގެންދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުންނެވެ.

ރިލްވާނުގެ ގެއްލުވާލި މައްސަލާގައި ބަޔަކު ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސ ފަހުންް އެ މީހުން ދޫކޮށްލުމުން، އެ މީހުން ވަނީ ރާއްޖެއިން ފުރައިގެންގޮސްފަ އެވެ.