އަނިޔާވެރިގޮތަކަށް، ގައިގެ އެތަށް ތަނަކަށް ވަޅިން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް، 25،ގެ މަރުގެ މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

މިއަދުގެ ކޮމެޓީގައި އޮތީ މައްސަލަ ދިރާސާކުރުމެވެ.

ގައުމީ ސަލާމަތުގެ ކޮމެޓީއަށް އެ މައްސަލަ ހުށަހެޅީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރުއެވެ.

އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރުން ވަނީ އަނަސްގެ މަރުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ އިތުރުން ގައުމީ ސަލާމަތުގެ ކޮމެޓީ އަށާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް ވެސް ހުށަހަޅާފައެވެ.

އަނަސްގެ މަރުގެ މައްސަލަ މަޖިލީހުގެ ތިން ކޮމެޓީއަކަށް ހުށަހަޅާފައިވާއިރު ފުލުހުން ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އަނަސް މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.