ސައޫދީ އަރަބިއްޔާއިން ޔަމަނަށް ދެވެން އޮންނަ ކަނޑާއި ވައިގެ މަގުތަށް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ޔަމަނުގެ އާންމުންގެ 10،000 މީހުން މަރުވެފައިވާ ކަމަށް ނޯވީޖިއަން ރެފިއުޖީ ކައުންސިލް (އެންއާރުސީ) އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އެ ރިޕޯޓަށްފަހު އެންއާރުސީ އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ 14 ޖަމިއްޔާއަކުން ވަނީ ޔަމަނުގެ ބައިނަލަގްވާމީ އެއާޕޯޓް އަލުން ހުޅުވުމަށް ގޮވައިލައިފަ އެވެ. އެއާޕޯޓް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ޔަމަނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތިވެފައިވާ ކަމަށާއި އަދި އެތަށް ހާސް ބަަޔަކަށް ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް ބޭރަށް ދަތުރު ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ވެސް އެންއާރުސީ އިން ބުންޏެވެ.

"ޔަމަަނު ބައްދުކޮށްފައި އޮތުމުގެ ސަބަބުން އެތައް ބަޔަކު އެ ދަނީ ބޭސްފަރުވާ ނުކުރެވި މަރުވަމުން،" އެންއާރުސީ ގެ މުއްތަސިމް ހަމްދާން ބުންޏެވެ.

އެންއާރުސީން ބުނި ގޮތުގައި ޔަމަނާ ސައުދީގެ ހަނގުރާމަ ފެށުމުގެ ކުރިން ޔަމަނުގެ 7،000 މީހުން އަހަރަކު ބޭސްފަރުވާ ކުރުމަށް ގައުމުން ބޭރަށް ދަތުރުކުރެ އެވެ.

ޔަމަނުގެ ހޫސީންގެ ބާރު ކަނޑުވައިލުމުގެ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓުން ފެށިގެން ސައުދީން ދަނީ ސަނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޮން އަޅަމުންނެވެ. އެހެންކަމުން އެ އެއާޕޯޓް އޮތީ މިހާތަނަށް ވެސް ބަންދުކޮށްފައެވެ.

ސައުދީން އުފައްދައިފައިވާ ކޯލިޝަނުން ވަނީ ޔަމަނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ވެސް ހުރަސް އަޅައިފަ އެވެ. އެގޮތުން އދ. އިން އެހީ ފޯރުވައި ދިނުމަށް ބޭނުން ކުރާ މަތިންދާ ބޯޓުތަކަށް އެޅުމަށްޓަކައި ގެންދިޔަ ޖެޓްފިއުލް ތަކަށް ސައުދީން ވަނީ ހުރަސް އަޅައިފައެވެ.

ސައުދީން ޔަމަނާ ދެކޮޅަށް ހަމަލާދޭން ފަށައިފައި ވަނީ ޔަމަނުގައި ކުރިން ރައީސްކަން ކުރި އަބްދު ރަބޫ މަންސޫރު ހާދީ އިސްތިއުފާ ދިނުމަށް ފަހު ހޫތީން ޔަމަނުގެ ވެރިކަން ކުރަން ފެށުމުންނެވެ.

ޑިމޮކްރަސީގެ ނަމުގައި މިސްރާއި ތޫނިސް އާއި އަދި ލީބިޔާގެ މީހުން މަގަުތަކަށް ނުކުމެ ވަރިކަން ވައްޓައިލި ދުވަސްވަރު ޔަމަނުގައި އޭރު ވެރިކަން ކުރަމުންދިޔަ ސަރުކާރާ ދެކޮޅަށްވެސް ވަރަށް ބޮޑެތި މުޒާހަރާތައް ބޭއްވިއެވެ. އެންމެފަހުން އޭރު ވެރިކަން ކުރަމުން އައި ހަދީގެ ސަރުކާރު ވަނީ އިސްތިއުފާ ދީފައެވެ. 2014 އިން ފެށިގެން ޔަމަނުގެ ސަރަކާރު ހިންގަމުންދަނީ ޔަމަނުގެ ހޫތީންނެވެ.

ހާދީއަކީ ސައުދީ އަރަބިއްޔާ އާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ގައުމެކެވެ. އެހެންކަމުން ސައުދީ އަރަބިއްޔާއިން ބޭނުންވަނީ ޔަމަނުގައި މިހާރު ވެރިކަން ކުރާ ހޫތީންގެ ވެރިކަން ވައްޓައިލައި ހާދީގެ ވެރިކަން އަނބުރާ ރުޖޫއަ ކުރާށެވެ.