15 Aug 2017, 16:22
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ދަނީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. ރާއްޖޭގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކުޅިވަރު އިންފްރާސްޓްރަކްޗާތައް ބިނާކުރުމަށް ސަރުކާރުން ހިންގަމުން ގެންދާ ބޮޑެތި މަޝްރޫއުތަކުގައި ހަގީގީ ކުލަޖެއްސުމުގެ ޒިންމާ ނަގަމުންދާ އެއް ކުންފުންޏަކީ އެމްއާރްޑީސީ އެވެ.
އެމްއާރްޑީސީން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ފުޓްސަލް ދަނޑުތައް ތަރައްގީކުރުން ހިމެނެއެވެ. އެގޮތުން ްއެ ކުންފުނިން ކުރިއަށްގެންދާ މަގުހެދުމުގެ މަސައްކަތުގެ އައްޑޫ ސިޓީ ހުޅުމީދޫގެ "ފޭސް 2"، އާއި، ގދ. ތިނަދޫ، ގއ. ވިލިނގިލި އަދި ދ. ކުޑަހުވަދޫގެ އިތުރުން ތ. ވިލުފުށީގެ މަގު ހެދުމުގެ މަސައްކަތް މިއަހަރު ވަނީ ނިންމައިފަ އެވެ. އަދި ހއ. ދިއްދު އާއި ހދ. ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި މިއަހަރުގެ ނިއަލަށް ދެ ރަށުގެ މަގުހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ތ. ވިލުފުށި -- ފޮޓޯ: އެމްއާރްޑީސީ
"ހދ. ކުޅުދުއްފުށީ މަގުތަކުގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތާރު އަޅަން ފަށާނެ. އަދި ދިއްދޫގެ މަގުތަކުގައި މިހާރު ވަނީ ތާރުއަޅަން ފަށާފައި. ލ. ފޮނަދޫގެ މަގުތަކުގައި ސެޕްޓެމްބަރު މަހު ފަހުކޮޅު ތާރު އެޅުމަށް ދަނީ މަސައްކަތް ކުރަމުން. މި މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ މަގުތަކުގެ ތާރު އެޅުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް،" އެމްއާރްޑީސީގެ އެކްޓިންގ މެނޭޖިންގް ޑިރެކްޓަރު އަޙްމަދު މަމްދޫޙް ވިދާޅުވި އެވެ.
ފޮނަދޫގެ ނުވަ މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ހަމަޖެހިފައިވާއިރު މިމަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިއަލަށް ނިންމުމަށް މަސައްކަތް ކުރަމުން ދާކަމަށް އެމްއާރުޑީސީން ބުނެ އެވެ.

ރ. މީދޫ -- ފޮޓޯ: އެމްއާރްޑީސީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މިފަދަ ބިޔަ މަޝްރޫއުތައް އެމްއާރްޑީސީން ކުރިއަށް ގެންދާއިރު، އެފަދަ ގިނަ މަސައްކަތްތަކުގައި ހަރަކާތްތެރި ވަނީ އެމްއާރްޑީސީގެ މުވައްޒަރުންކަން އެ ކުންފުނިން ފަހުރުވެރިކަމާއެކު ފާހަގަކުރެ އެވެ.
އެމްއާރްޑީސީން މިހާރު ކުރިއަށް ގެންދާ އިތުރު މަޝްރޫއުތަކަށް ބަލާއިރު، ރ. އުނގޫފާރުގައި މިހާރު ކުރިއަށްދަނީ މަގުތަކުގައި ތާރު އެޅުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތަކެވެ. އުނގޫފާރުގެ 14 މަގެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދައި އަންނަށް އަހަރުގެ ޖެނުއަރީއަށް ނިންމުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފައިފަ އެވެ. މީގެ އިތުރުން ރ. މީދޫގެ އަށް މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް، އެ މަގުތަކުގައި ގާ އެތުރުމުގެ މަސައްކަތް ކުރަމުން ދާއިރު މިއަހަރުގެ ފަހުކޮޅަށް އެ މަޝްރޫއު ނިންމާލުމަށް އެމްއާރްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ދ. ކުޑަހުވަދޫ -- ފޮޓޯ: އެމްއާރްޑީސީ
އދ. މަހިބަދޫ ބަނދަރު ސަރަހައްދުގައި ގާއެތުރުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ އިރު އެރަށުގެ 20 މަގެއްގައި ގާ އަތުރައި ރަނގަޅު ފެންވަރަކަށް ހަދައި މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫއު ނިންމާލުމަށް އެމްއާރްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.
ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައިވެސް އެމްއާރްޑީސީން ދަނީ، ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ސ. ހުޅުމީދުގެ ވެލިމަގުތައް ރަނގަޅުފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
އެމްއާރްޑީސީގެ އެކްޓިންގ އެމްޑީ އަޙްމަދު މަމްދޫޙް ވިދާޅުވީ، އެމްއާރްޑީސީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މިހާރު ޙަވާލުވެފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުން ކަމަށެވެ.

ލ. ފޮނަދޫ -- ފޮޓޯ: އެމްއާރްޑީސީ
"އެކިއެކި ސަބަބުތަކާއި ހުރެ ނުނިމި ފަސްވެފައި ހުރި މަޝްރޫޢުތައް ވެސް ވީ އެންމެ އަވަހަކަށް ނިންމުމަށް ދަނީ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.
އެމްއާރްޑީސީގެ ވިސްނުން ހުރީ ހަމައެކަނި މަގުހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކަށް ނޫނެވެ. މި މަޝްރޫއުތަކާ އެކު އެ ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށް، އިންފްރާސްޓްރަކްޗާ ވެސް ހިމެނޭ ގޮތަށް ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މަމްދޫޙް ވިދާޅުވި އެވެ.
މަގުހެދުމުގެ މަޝްރޫއުތަކުގެ އިތުރުން އެމްއާރްޑީސީން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި މިހާރު ވެސް 67 ރަށެއްގެ ފުޓްސަލް ދަނޑުގެ އެޅުމުގެ މަސައްކަތް ހިމެނެ އެވެ. އޭގެ ތެރޭން 35 ރަށެއް ސިވިލް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަށާރަ ރަށެއްގެ ސިވިލް މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި 18 ރަށުގެ ތެރެއިން 12 ރަށެއްގެ ފުޓްސަލް ދަނޑުގެ ސިވިލް މަސައްކަތް މިމަހުގެ ނިޔަލަށް ނިންމައި، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިއަލަށް ފުޓްސަލް ދަނޑުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދ. ކުޑަހުވަދޫ -- ފޮޓޯ: އެމްއާރްޑީސީ
ގދ. ތިނަދޫގައި އިމާރަތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތަކީ ވެސް އެމްއާރްޑީސީން ކުރަމުންދާ ތަރައްގީގެ ބޮޑު މަޝްރޫއެކެވެ. މިމަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރިން ނިންމައި އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުމަށް އެމްއާރްޑީސީން ވަނީ އަޒުމު ކަނޑައަޅައިފަ އެވެ.