15 Aug 2017, 18:17
ހަރާރޭ (އޮގަސްޓް 15): ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ދެކުނު އެފްރިކާއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ މޮޑެލްއަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުތައް ފެންމަތިވުމާ ގުޅިގެން އެކަމަނާ އެގައުމުގެ ފުލުހުންނާ އަމިއްލައަށް ހާވަލުވެވަޑައިގެންފި އެވެ.
އުމުރުން 20 އަހަރުގެ ގެބްރިއެލާ އެންޖެލްސް ބުނި ގޮތުގައި ޖޮހަނަސްބާގްގެ ހޮޓަލެއްގައި ގްރޭސް މުގާބޭ އޭނާއަށް ހަމަލާ ދިނީ، ގްރޭސްގެ ދެ ފިރިހެން ދަރިންނާ އެއްތަނެއްގައި އެންޖެލްސް ދިރިއުޅޭ ކަމަށް ބުނެ އެވެ. އަދި އެކްސްޓެންޝަން ކޯޑަކުން ގްރޭސް އެ ހަމަލާ ދިން އިރު އެންޖެލްސް ހުރީ ގްރޭސްގެ ދަރިން އުޅޭ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައި ކަމަށް އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާގައި އެންޖެލްސް ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ނިއްކުރި ވަނީ ފަޅައިގެންގޮސްފަ އެވެ. އަދި އޭނާއަކީ މޮޑެލެއް ކަމުން އެފަދަ އަނިޔާއެއް ލިބުމަކީ އޭނާއަށް މާލީ ގޮތުން ލިބޭ ގެއްލުމެއް ކަމަށް ވެސް އެންޖެލްސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ގްރޭސް މުގާބޭ ވަނީ ދެކުނު އެފްރިކާގެ ފުލުހުންނާ އަމިއްލައަށް ހަވާލުވެފައި ކަމަށް ވިދާޅުވީ އެގައުމުގެ ޕޮލިސް މިނިސްޓަރެވެ. އަދި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށާއި މިއަދު ގްރޭސް މުގާބޭ ކޯޓަށް ހާޒިރު ކުރާނެ ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ޒިމްބާބުވޭގެ ސަރުކާރުން އަދި ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. (ގާޑިއަން)