ރެއާލް މެޑްރިޑާއި ބާސެލޯނާއިން ސްޕެނިޝް ލަލީގާގެ ފެށުން ރަނގަޅުކޮށްފި އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ޑިޕޯޓިވޯ ލަކަރޫނާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވެފައި ވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު މެޗުގެ ކުރީކޮޅު ޑިޕޯޓިވޯއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑިޕޯޓިވޯގެ ރޫމޭނިއާ ސްޓްރައިކަރު ފްލޮރިން އެންޑޯން ފޮނުވާލި ދެ ހަމަލާ ވެސް ރެއާލްގެ ކޮސްޓަ ރިކާ ގޯލްކީޕަރު ކޭލާ ނަވާސް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ރެއާލުން ވަނީ ފުރަތަމަ ލަނޑުޖަހާ ލީޑު ހޯދައިފަ އެވެ. ކަރިމް ބެންޒެމާ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ވޭލްސް ވިންގާ ގެރެތު ބޭލްއެވެ. ރެއާލުން އެ ލަނޑު ކާމިޔާބުކުރީ ރީބައުންސް ބޯޅައެއްގެ ފައިދާ ނަގައެވެ.

ރެއާލުން ލީޑު ހޯދިތާ ހަތް މިނެޓްފަހުން އެ ޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފަ އެވެ. މާސެލޯ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސަމީރޯ އެވެ. ދެވަނަ ލަނޑެކޭ އެއްގޮތަށް ފުރަތަމަ ލަނޑު ޖަހައިދިނުމުގައި ވެސް މާސެލޯގެ ދައުރު ފާހަގަކޮށްލެވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 62 ވަނަ މިނެޓުގަ އެވެ. ބޭލް ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސްއެވެ. އޭގެ ހަ މިނެޓް ފަހުން ރެއާލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރަން ބޭލްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެންޑޯންއަށް ކެޕްޓަން ސާޖިއޯ ރާމޯސް ކުރި ފައުލަކާ ގުޅިގެން ޑިޕޯޓިވޯއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެންޑޯން ފޮނުވާލި ހަމަލާ، ކީޕަރު ނަވާސް ވަނީ މަތަކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ރެއާލްގެ ކެޕްޓަން ރާމޯސްއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފަ އެވެ. އެއީ ރާމޯސްގެ ކެރިޔަރުގައި އޭނާއަށް ދެއްކި 18 ވަނަ ރަތް ކާޑެވެ.

ރޭ ކުޅުނު ލަލީގާގެ މެޗުގައި ބާސާ ވަނީ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލީޑު ހޯދުމަށް ބާސާއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ބާސާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެ އެވެ. އޭގެ ތެރެއިން މެޗުގެ 35 ވަނަ މިނެޓުގައި މެސީ ފޮނުވާލި ހަމަލާ އަމާޒުވީ ބެޓިސް ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑެއްޖަހާ ލީޑު ހޯދައިފަ އެވެ. މެސީ ދިން ބޯޅައަކުން ޖެރާޑް ޑޫލޮފެއޫ ފޮނުވާލި ހަމަލާ، ބެޓިސްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އެ ޓީމުގެ އެލިން ޓޮސްކާ ފައިގައި ޖެހިފައި ބައިކޮޅަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ބާސާއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ޖެރާޑް ޑޫލޮފެއޫ ދިން ބޯޅައަކުން ބާސާއަށް ލީޑު ހޯދައިދިނީ ސާޖީ ރޮބާޓޯއެވެ. އެ ލަނޑަށް ފަހު ބެޓިސްއިން އެ ޓީމުގެ ގޭމް ޕްލޭނަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވުނެވެ.

މެޗުގެ ދެވަނަ ހާފުގައި ލީޑު އިތުރަށް ފުޅާކޮށްލުމަށް ބާސާއަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އޭގެ ތެރޭގައި މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް، މެސީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި އެ ހަމަލާ ވެސް އަމާޒުވީ ބެޓިސް ގޯލުގެ ދަނޑިއަށެވެ.