ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފޯވަޑް އަދި ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ނުހިމަނައި، އަންނަ މަހު ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ނެގި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު އިއުލާންކޮށްފިއެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު އޭއެފްސީ ކަޕް ކޮލިފައިންގައި އޮމާންއާ ދެކޮޅަށް ކުޅޭ އަވޭ މެޗަށް ގައުމީ ކޯޗު ޑެރަން ސްޓެވާޓް ނެގި ސްކޮޑުގައި ދަގަނޑޭ ހިމަނާފައިނުވާއިރު، އަނިޔާއަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައިސް އޭނާ ދަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ގައުމީ ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިންނެވެ. ނިއުގެ އަށް ކުޅުންތެރިޔަކު ހިމަނާފައިވާއިރު، މާޒިޔާގެ ހަތް ކުޅުންތެރިޔަކު ޓީމުގައި ހިމަނާފައިވެއެވެ.

ގައުމީ ސްކޮޑުގައި މާޒިޔާ އަދި ނިއުގެ ކުޅުންތެރިންގެ އިތުރުން ދެން ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބުގެ ތިން ކުޅުންތެރިންނާއި ކްލަބު ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިންނާއި ގދ. ތިނަދޫގެ ދެ ކުޅުންތެރިން އަދި ށ. މިލަންދޫގެ ގޯލްކީޕަރެވެ.

ކޯޗު ސްޓެވާޓް ވަނީ ދިވެހި ޕްރިމިއާ ލީގުގެ ކުރިން ނިއުއާ ގުޅުނު ރިލްވާން ވަހީދު (ރިލޭ)އަށް ގިނަ ދުވަސްތަކަކަށްފަހު އަލުން ގައުމީ ސްކޮޑުން ޖާގަ ދީފައެވެ. އޭނާގެ އިތުރުން ނިއުގެ ބަދަލު ކީޕަރު އަބްދުﷲ ޒިޔަޒަންއަށް ސްކޮޑުން ޖާގައެއް ދީފައިވާއިރު، މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ކަކުލަށް އަނިޔާއެއް ލިބިފައިވީ ނަމަވެސް އޭނާއަށް ވަނީ ޓީމުން ޖާގަ ދީފައެވެ.

އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑު:

ނިއު ރޭޑިއަންޓް

  • މުހައްމަދު ފައިސަލް - ގޯލްކީޕަރު

  • މުހައްމަދު ރަޝީދު (ހޮކޭ)
  • އަހްމަދު އަބްދުﷲ (ލިލީ)
  • އަލީ ފާސިރު (ސެންޓޭ)
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • އަކްރަމް އަބްދުލްގަނީ (އަކޫ)
  • ރިލްވާން ވަހީދު (ރިލޭ)
  • އަބްދުﷲ ޒިޔަޒަން – ގޯލްކީޕަރު

މާޒިޔާ

  • އަމްދާން އަލީ (އެންޑީ)

  • ސަމޫހު އަލީ (ސަމުއްޓޭ)
  • އަޝްއަދު އަލީ (އަޑުބަރޭ)
  • މުހައްމަދު އުމައިރު
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)
  • އިސްމާއިލް އީސާ (މެސީ)
  • މުހައްމަދު އިރުފާން (އިރޭ)

ގްރީން ސްޓްރީޓްސް

  • ޝާފިއު އަހްމަދު (ޝާފީ)

  • އަހްމަދު ރަޝީދު (އައްމަޑޭ)

ޓީސީ

  • އަހްމަދު ޒާދު

  • ހަސަން ނާއިޒް (ދާދު)
  • އިބްރާހިމް ވަހީދު ހަސަން (އިއްބެ)

ތިނަދޫ

  • އިމްރާން ނަޝީދު

  • އަހްމަދު ރިޒުވާން

މިލަންދޫ

  • މުހައްމަދު އިމްރާން - ގޯލްކީޕަރު