24 Aug 2017, 11:49
މެންޗެސްޓާ ޔުނައިޓެޑަށް މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރެވޭނެ ކަމަށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނު ޕައުލް ޕޮގްބާ ބުނެފިއެވެ.
އީއެސްޕީއެން އެފްސީއާ ވާހަކަ ދައްކަމުން ޕޮގްބާ ބުނީ، ކޯޗު ހޯޒޭ މޮރީނިއޯގެ އިރުޝާދާއެކު މި ސީޒަނުގައި ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށާއި ބިރުގަންނަން ޖެހޭ އެއްވެސް ޓީމެއް މިވަގުތު ނެތް ކަމަށެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާ އިރު، ޔުނައިޓެޑް ވަނީ ކުޅުނު ދެ މެޗު ވެސް 0-4ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފައެވެ. އެ ޓީމު ތާވަލުގެ އެންމެ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.
ޕޮގްބާ ބުނީ، ޔުނައިޓެޑުގެ އިތުރުން ބައެއް އެހެން ޓީމުތަކަށް ވެސް ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް ޔުނައިޓެޑުގެ ކުޅުމާއި މެންޓަލިޓީ މިވަގުތު މާ ވަރުގަދަ ކަމަށެވެ.
"އަހަރެން ވަރަށް ހިތްހަމަޖެހިފައި މި ހުންނަނީ ސީޒަން ރަނގަޅު ނަތީޖާތަކަކާއެކު ފެށުނީމަ. ސީޒަން ނިންމާލަން ވެސް ބޭނުން ވަނީ މި ގޮތަށް. އަހަރެމެން އެއްވެސް ޓީމެއް ދެކެ ބިރުގަންނާކަށް ނުޖެހޭ. އަހަރެމެންނަކީ ވެސް ވަރުގަދަ ޓީމެއް އަދި މި ސީޒަނުގައި އަހަރެމެނަށް އާދަޔާ ހިލާފު ނަތީޖާތަކެއް ނެރެވޭނެ،" އޭނާ ބުންޏެވެ.
ޕޮގްބާ ބުނީ، ޗެލްސީ ދޫކޮށް ޔުނައިޓެޑާ ގުޅުނު މިޑްފީލްޑަރު ނެމެންޔާ މަޓިޗް އާއެކު ކުޅުމަކީ އޭނާއަށް ކުރިއަށް ޖެހި ލަނޑު ޖެހުމަށް ލިބޭ ފުރުސަތު ބޮޑުވެގެންދާ ކަމެއް ކަމަށެވެ.
"އަހަރެންނަކީ ބޮޑަށް އެޓޭކިން ކުޅުންތެރިއެއް. އަދި އަހަރެން ބޮޑަށް ވިސްނަނީ ވެސް އެޓޭކްކޮށް ލަނޑު ޖެހުމަށް. ނަމަވެސް މަޓިޗް އަކީ ބޮޑަށް ޑިފެންސިވް ކުޅުންތެރިއެއް،" ޕޮގްބާ ބުންޏެވެ.
ޕޮގްބާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ލަނޑު ޖަހައި އޭނާގެ އެޓޭކިން ކުޅުން ދައްކާލައިފައެވެ.