24 Aug 2017, 16:36
އަންނަ އާދީއްތަ ދުވަހު އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗަށް އާސެނަލްގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ފިޓް ވެއްޖެއެވެ.
އާސެނަލްގެ ކޯޗް އާސެން ވެންގާ ވަނީ އެކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ސަންޗޭޒް އަށް ކުރިމަތިވި އަނިޔާގެ މައްސަލައާ ގުޅިގެން އޭނާ އަށް މި ސީޒަނުގައި މިހާތަނަށް އެއްވެސް މެޗެއްގައި ބައިވެރިވެވޭ ގޮތް ވަނީ ނުވެފައެވެ.
ޗިލީގެ ގައުމީ ޓީމަށް ކުޅޭ ސަންޗޭޒްއަށް އާސެނަލްގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާއިރު އޭނާ އާސެނަލް ދޫކޮށްލަން ބޭނުންވާ ކަމުގެ އަޑުތައް މުޅި މި ޓްރާންސްފާ މާކެޓުގައި ވަނީ ފެތުރިފައެވެ. އެގޮތުން އާސެނަލް ދޫކޮށް ވާދަވެރި މެންޗެސްޓާ ސިޓީ އަށް އޭނާ ބަދަލުވުން ގާތް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 28 އަހަރުގެ ސަންޗޭޒް އާ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައި ނުވާއިރު، އެގޮތަށް ކަންތައް ވެއްޖެނަމަ އަންނަ އަހަރުގެ ޓްރާންސްފާ ސީޒަނުގައި އޭނާ އަށް ފްރީ ޓްރާންސްފާއެއްގެ ދަށުން އެހެން ކްލަބަކަށް ބަދަލުވެވޭނެއެވެ.
"އޭނާ ހުރީ ކުޅެން ތައްޔާރަށް. ކުޅޭނެ ތޯ ނޫނީ ނުކުޅޭނެ ތޯ އެއީ އަހަރެންގެ ނިންމުމެއް. މައިގަނޑުގޮތެއްގައި އޭނާ ހުރީ ރަނގަޅު ސިއްހަތެއްގައި ފިޓު ކޮށް،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ ސަންޗޭޒްގެ އަމާޒު ހުރީ އާސެނަލް އަށް ކުޅެ ދަނޑުމަތީގައި ނަތީޖާ ނެރެދިނުމަށް ކަމަށާއި އިވޭ އަޑުތަކަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށެވެ. އަދި ސަންޗޭޒް އާސެނަލްގެ ކޮންޓްރެކްޓު އާ ކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ވެންގާ ބުންޏެވެ.