އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދ. ކުޑަހުވަދޫ އަތުން ހޯދި އުނދަގޫ މޮޅާއެކު ކްލަބު ގުރީން ސްޓްރީޓްސް، ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ކުޑަހުވަދޫގެ މައްޗަށް ގުރީނުން ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ގުރީން ތާވަލުގެ ދެވަނައަށް ޖެހިލީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ތިންވަނާގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނާގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތާވަލުގެ އެއްވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަތަރު މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ.

ދިވެހި ޕްރިމިއާ ލީގުގައި ގުރީން ސްޓްރީޓްސްއާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގުރީން މޮޅުވީ 1-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މެޗުގެ ފުރަތަމަ ހާފުގައި ކުޑަހުވަދޫން ޑިފެންސިވް ގޭމްއެއް ކުޅެމުން ދިއުމުން ގުރީނަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ގުރީނަށް ލިބުނު އެންމެ ފުރަތަމަ ފުރުސަތަކީ މެޗުގެ 27 ވަނަ މިނެޓުގައި އަލީ ޝާމިސްއަށް ލިބުނު ފުރުސަތެވެ. މޫސާ ހަސަން ނަގައިދިން ހުރަހުގެ ބޭނުން ކުޑަހުވަދޫގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރި ޝާމިސްއަށް ހިފޭ ގޮތް ވަނީ ނުވެފައެވެ.

ގުރީނުން ލަނޑު ޖަހާ ލީޑު ހޯދީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ގުރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ވިލިއަމް މެކޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޑަހުވަދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

ފުރަތަމަ ހާފާ ހިލާފަށް މެޗުގެ ދެވަނަ ހާފުގައި ކުޑަހުވަދޫގެ ފަރާތުން ފެނުނީ ތަފާތު ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ވެސް އެ ޓީމުން ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސް ކުރިއެވެ. ގުރީންގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެފޮންޖާ ޖިބޯލާ ފޮނުވާލި ހަމަލާ، ޑިފެންޑަރެއް ގައިގައި ޖެހި ވަނީ ބްލޮކްވެފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި ގުރީން ސްޓްރީޓްސްއާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގުރީން މޮޅުވީ 1-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ 77 ވަނަ މިނެޓުގައި ވެސް ކުޑަހުވަދޫގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ގުރީންގެ ޕެނަލްޓީ އޭރިޔާ ބޭރުން ކުޑަހުވަދޫގެ ހަސަން އިބްރާހިމް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެ ހަމަލާއަށްފަހު ކުޑަހުވަދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މުޅި މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ކުޑަހުވަދޫގެ އާދަމް ޝަހީމްގެ ނުރައްކާތެރި ކުޅުން ފާހަގަކޮށްލެވެއެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އއ. މާޅޮހެވެ.