ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ހުސައިން ފިޔާޒު މޫސާ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާ ސާބިތު ނުވާ ކަމަށް ކުރި ހުކުމުގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން ބާރު އަޅައިފި އެވެ.

އަސާސީ ހައްގެއްގެ ގޮތުގައި ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ނޫސްވެރިކަން ކުރުމުގެ މިނިވަންކަމަށް ކޯޓުން ބާރު އަޅާފައި ވަނީ ހުކުމުގެ ކުރިން ޝަރީއަތުން ފާހަގަ ކުރި ނުކުތާއެއްގެ ގޮތުގަ އެވެ.

ޝަރީއަތުން ފާހަގަ ކުރި ނުކުތާއެއްގެ ގޮތުގައި އެކަން ފާހަގަ ކުރެއްވީ ފިޔާޒުގެ މައްޗަށް ޝަރީއަތް ހިންގެވި ގާޒީ އާދަމް އާރިފެވެ. އާރިފަކީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި އެންމެ އިސް ގާޒީ އެވެ.

ގާނޫނުއަސާސީގެ 28 ވަނަ މާއްދާއާ ހަވާލާ ދެއްވައި ގާޒީ އާރިފު ވިދާޅުވީ ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށާއި ޚަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އަދި ޝާއިއު ކުރުމާ ނުވަތަ ފަތުރާ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމުގެ އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާޒީ އެގޮތަށް ވިދާޅުވަމުން ގެންދެވިއިރު، އެ ޝަރީއަތް އަޑުއެހުމަށް ރާއްޖޭގެ މީޑިއާތަކުގެ ސީނިއާ ނޫސްވެރިންނާއި ފިޔާޒުގެ އާއިލާގެ ބައެއް މެމްބަރުން އެ ޝަރީއަތަށް ވަދެ ތިއްބެވެ. ސިޔާސީ އެއްވެސް ބޭފުޅަކު އެ ޝަރީއަތް އަޑުއަހަން ކޯޓަށް ވަޑައެއް ނުގަންނަވަ އެވެ.

ފިޔާޒަކީ ނޫސްވެރިއެއްކަން ގާޒީ އާރިފު ފާހަގަ ކުރެއްވިއިރު، ފިޔާޒަށް ދައުވާ އުފުލި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން އޭނާއަކީ ނޫސްވެރިއެއްކަން ޝަރީއަތުގެ މަރުހަލާގައި ފާހަގަކޮށްފައެއް ނުވެ އެވެ.

ދައުލަތުން މިހާތަނަށް ތިން ނޫސްވެރިއެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލި ކޮންމެ ފަހަރަކު ވެސް އެ މީހުންނަކީ ނޫސްވެރިއެއް ކަމަށް ބުނެފައެއް ނުވެ އެވެ. ގާނޫނުއަސާސީންނާއި ގާނޫނުން ނޫސްވެރިކަންނަށް ކަށަވަރުކޮށްދޭ ހައްގުތަކެއް ބަޔާނެއްނުކޮށްދެ އެވެ.

މީހެއްގެ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ފިޔާޒުގެ މައްޗަށް އުފުލީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި އޭނާ ޖަހާފައިވާ ކަމަށް ބުނެއެވެ.

ފިޔާޒަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކޯޓުން ހުކުމްކުރީ އޭނާ އެ އަމަލު ހިންގިކަން ޝައްކެއް ނެތް މިންވަރަށް ޝާރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ.

ފިޔާޒާ ދެކޮޅަށް ދައުލަތުން ހުށަހެޅި ދެ ފުލުހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށް ވެސް ހުކުމުގައި އިޝާރާތްކޮށްފައިވެ އެވެ.

ފިޔާޒާ ދެކޮޅަށް ދައުލަތުން ދެ ފުލުހެއްގެ ހެކި ބަސް ހުށަހެޅިއިރު، ދިފާއުގައި ފިޔާޒު ވަނީ އަށް ހެއްކެއް ހުށަހަޅާފަ އެވެ. އެއީ ހަތް މީހެއްގެ ހެކިބަހާއި ވީޑިއޯ ކޮންމެންޓްރީއެއްގެ ރެކޯޑިންއެކެވެ.

ފިޔާޒުގެ މައްޗަށް ހުކުމް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ހާދިސާ ހިނގިތާ ދޮޅުއަހަރު ފަހުންނެވެ.

ދަށު ކޯޓުން ކުރި ހުކުމް، އިސްތިއުނާފު ކުރުމަށް ދައުލަތަށް 10 ދުވަސް ލިބޭނެ އެވެ. އެ ހުކުމް އިސްތިއުނާފު ކުރާނެކަން ދައުލަތުން އަދި ހާމަކޮށްފައެއް ނުވެ އެވެ.