28 Aug 2017, 08:56
ބަތަލާ ޝްރައްދާ ކަޕޫރުގެ ފުރަތަމަ ބަޔޮޕިކް 'ހަސީނާ ޕާކަރު' ރިލީޒް ކުރާނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް ޚަބަރުތައް ބުނެފި އެވެ.
މިއީ އިންޑިއާގެ ޑޯން ދާވޫދް އިބްރާހިމްގެ އަންހެން ކޮއްކޮ ހަސީނާ ޕާކަރުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އެ ފިލްމު ރިލީޒް ކުރާ ތާރީޚު ބަދަލު ކުރި ފަސް ވަނަ ފަހަރެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ފިލްމު ރިލީޒް ކުރުމަށް ނިންމުމަށް ފަހު އެ ތާރީޚު ބަދަލު ކުރީ ޝާހްރުކް ޚާންގެ 'ޖަބް ހެރީ މެޓް ސޭޖަލް' އަދި އަކްޝޭ ކުމާރުގެ 'ޓޮއިލެޓް: އެކް ޕްރޭމް ކަތާ' އާއި އެއް މަހެއްގައި ފިލްމު ރިލީޒް ކޮށްގެން ފިލަމަށް ބޮޑު ނާކާމިޔާބެއް ލިބިދާނެތީ އެވެ.
މިފަހަރު ފިލްމު ރިލީޒް ކުރުން ފަސްކޮށްފައި ވަނީ ސަންޖޭ ދަތުގެ ފިލްމު 'ބޫމީ' އާއި އެއްކޮށް ފިލްމު ރިލީޒް ނުކުރަން ކަމަށް ޚަބަރުތައް ބުނެ އެވެ.
ފިލްމުގައި ޝްރައްދާ ފެނިގެން ދާނީ އަންހެން ދަރިއެއް، ކޮއްކޮއެއް، މަންމައެއް އަދި ގޭންގްސްޓާރެއްގެ ރޯލުތަކުންނެވެ. ޓީޒާ އިން ވެސް އެ ފިލްމުގައި ޝްރައްދާގެ ވަރުގަދަ ރޯލެއް ފެންނާނެ ކަން އެނގެ އެވެ.
އެ ފިލްމު ޑައިރެކްޓު ކުރަނީ 'ޝޫޓްއައުޓް އެޓް ލޮކަންޑްވާލާ' ވެސް ޑައިރެކްޓް ކުރި އަޕޫރްވާ ލާކިއާ އެވެ. އެ ފިލްމުގައި ދައްކުވައިދޭނީ ހަސީނާ ޕާކަރުގެ އުމުރުން 17 އަހަރާއި 55 އަހަރާ ދެމެދު ހިނގާފައިވާ ހާދިސާތަކެވެ.
ފިލްމުގައި ދާވޫދުގެ ރޯލުން ފެނިގެންދާނީ ޝްރައްދާގެ ބޭބެ ސިދާންތު ކަޕޫރެވެ. މިއީ ޝްރައްދާ އާއި ސިދާންތު އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ޝްރައްދާގެ ފިރިމީހާގެ ރޯލުން ފެނިގެން ދާނީ އަންކުރް ބާޓިއާ އެވެ.
މިއީ ޝްރައްދާ ބަޔޮޕިކް އެއްގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް ޝްރައްދާ މިހާރު ވަނީ ބެޑްމިންޓަން ޗެމްޕިއަން ސާއިނާ ނެހްވާލްގެ ބަޔޮޕިކްގެ މަސައްކަތް ވެސް ފަށައިފައެވެ.