28 Aug 2017, 08:54
އަޟްހާ އީދާ ދިމާކޮށް މިއަހަރު ވެސް ފޯރިއާއެކު ތ. ގުރައިދޫގައި ޖެމް ފުޓްބޯޅަ މުބާރާތް ކުރިއަށް އެބަދެއެވެ.
ގުރައިދޫ އެންޑޯމަންޓް މޫވްމަންޓް (ޖެމް)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 14 ވަނަ ޖެމް ފުޓްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ފެށި އެ މުބާރާތުގައި މިހާތަނަށް ދެ މެޗު ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި ލަޔަންސް ސްޕޯޓްސް ކްލަބާ ވާދަކޮށް 5-1 ލަނޑުން މެޗު ކާމިޔާބުކުރީ ދި ލައިވް ސްޕޯޓްސް ކްލަބެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދި ލައިވްގެ އަހްމަދު ޝިހާމެވެ.
އެ މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެލް އެގްޒިޓޯ ސްޕޯޓްސް ކްލަބާއި އީވިލް ސްޕޯޓްސް ކްލަބެވެ. އެ މެޗު ފަސޭހަކަމާއެކު 10-0 ލަނޑުގެ ނަތީޖާއަކުން ކާމިޔާބުކުރީ އީވިލް ސްޕޯޓްސް ކްލަބެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އީވިލް ސްޕޯޓްސް ކްލަބުގެ މުހައްމަދު ޒަމީރެވެ.

ތ. ގުރައިދޫގައި ކުރިއަށްދާ ޖެމް ފުޓްބޯޅަ މުބާރާތުގެ ތެރެއިން: މިއަހަރުގެ މުބާރާތުގައި ހަ ޓީމު ވާދަކުރޭ ---
އެ މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ދަކަނދާ ސްޕޯޓްސް ކްލަބާއި ލަޔަންސް ސްޕޯޓްސް ކްލަބު އަދި ދި ލައިވް ސްޕޯޓްސް ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ އީވިލް ސްޕޯޓްސް ކްލަބާއި ވިންސިއާ ސްޕޯޓްސް ކްލަބު އަދި އެލް އެގްޒިޓޯ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.
ޖެމް ފުޓްބޯޅަ މުބާރާތުގައި ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރާއި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއާއި މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔާއާއި މުބާރާތުގައި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާއާއި ފެއާޕްލޭ ޓީމާއި ރަނަރަޕް އަދި ޗެމްޕިއަން ޓީމު ހޮވުމަށް ހަމަޖެހިފައިވެއެވެ.
އެ މުބާރާތަކީ ތ. ގުރައިދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ގުޅުން ބަދަހިކޮށް، ކުޅުންތެރިން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމާއި، ކުޅިވަރުގެ ގަވާއިދާއި އުސޫލުތަކަށް ބޯލަނބަން ދަސްކޮށްދިނުމާއި، ފުޓުބޯޅައިގެ ރޮނގުން ރަށާ ގައުމަށް ރީތިނަން ހޯދައިދޭފަދަ އަހުލާގު ރަނގަޅު ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގްސަދުގައި ޖެމްއިން ކޮންމެ އަހަރަކު ވެސް އެ ރަށުގައި ކުރިއަށްގެންދާ މުބާރާތެކެވެ.