01 Sep 2017, 09:45
އީދުގައި ސަގާފީ ހަރަކާތްތައް ރާއްޖޭގެ ރަށްރަށުގައި އޮވެއެވެ. ބަނޑިޔާ ޖެހުމާއި، ކޯޑި ނެރުމާއި ތާރަ ޖެހުންވެސް ހިމެނޭ ގޮތަށް ނަން ހުސްކޮށް ކުޅިވަރެވެ. ބޮޑުމަސް ނެރުމަކީވެސް ފޯރިގަދަ ކުޅިވަރެކެވެ. އެކަމަކު އީދުގައި ތަފާތު ކަމެއް ކުރާ ބަޔަކު ފެނިއްޖެ އެވެ. މާޅޮސްމަޑުލު އުތުރުބުރީ މީދޫ މީހުންނެވެ. އެރަށުގައިވެސް ސަގާފީ ކުޅިވަރާއި ކޯޑި ކުޅުންވެސް އޮވެއެވެ. އެކަމަކު އެމީހުން ނަވެއްގައި ނުކުމެ ބަޑި ޖަހައި ކުޅިވަރެއް ކުޅޭކަން އެނގޭ ހެއްޔެވެ. އެއީ ގިނަ މީހުންނަށް އާ ކުޅިވަރަކަށް ވެދާނެއެވެ. އެކަމަކު އަހަރެން ކުޑައިރު އެ ބަޑިޖަހާ މަންޒަރު ދުށީމެވެ.
އީދު ދުވަހު ހެނދުނަށް މީދޫ މީހުން ނަވެއް ހަދައިގެން އައިސް އަހަރެމެން ރަށު (ރ. މަޑުއްވަރި) ފަޅުން ބޭރުގައި ނައު އަޅާފައި ބާއްވައިގެން ބަޑި ޖަހައެވެ. އެ ޖަހާ ބަޑީގެ އަޑު އެމްއެންޑީއެފުން މި ޖަހާ ހަތް ބަޑީގެ ސަލާމަށްވުރެ އެންމެ ތަންކޮޅެއްވެސް މަޑެއް ނުވާނެއެވެ. ރަށުގައި ނިދާފައި ތިބޭ މީހުންނަށްވެސް ހޭލެވޭހާ އަޑު ބާރަށް އެ ބަޑި ޖަހައެވެ. އަހަރެން ކުޑައިރު މީދޫ މީހުން އެ ބަޑި ޖަހާތީ މަންމައާ ސުވާލު ކުރަމެވެ. މަންމަ ބުނާނީ "އެއީ މީދޫ މީހުންނަށް އީދު އައީ" ކަމަށެވެ.

ނައު ކުޅިވަރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތުގެ މީހުން --- ފޮޓޯ/ ހުސައިން ރަޝީދު
ހަގީގަތުގައި މީދޫ މީހުން އެ ކުޅެނީ ކުޅިވަރެއް ކަމެއް އޭރު އަހަންނަކަށް ނޭނގެ އެވެ. މީދޫއިން ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުން އެއީ ޒަމާނުއްސުރެ އީދުގައި އެރަށު މީހުން ކުޅޭ ކުޅިވަރެކެވެ. ކުޅިވަރު ފެށެނީ ފަތިސް ނަމާދުގެ ބަންގިއާ އެކު އެވެ. ޓެރަރިސްޓުންގެ ބަޔަކު މީދޫ ހިސޯރުކުރާ ހިސާބުން ކަމަށް އެރަށުން ވާހަދެއްކި ހުސައިން ރަޝީދު ބުންޏެވެ. އެމީހުން ރަށުގައި ތިބޭނީ އެޖަމާއަތަށް ހާއްސަކުރެވިފައިވާ ޔުނިފޯމުގައި ކަނޑި ބަނޑި ހިފައިގެން ކަމަށްވެސް ބުންޏެވެ.
އެހިސާބުން ކުޅިވަރު ފެށުނީ އެވެ. ދެން ރަށް ސަލާމަތްކުރަން އަންނަނީ އަރަބި ކަރައިން ނަވެކެވެ. ނައުގައި ތިބޭ މީހުން ތިބޭނީ އަރަބިކަރައިގެ ބޭފުޅުން ހެދުން އަޅާގޮތަށް ހެދުން އަޅައިގެން ކަމަށް ހުސައިން ބުންޏެވެ. އަރަބި ކަރައިގެ މީހުންނާއި ޓެރަރިސްޓުންނާ ކުރިމަތިލުމެއް ހިނގައި ޓެރަރިސްޓުން ބަލިވެއެވެ. އެމީހުން އެ ކުރިމަތި ލުމުގައި ބަޑިވެސް ޖަހައެވެ. ބަޑި ފަރުމާކޮށްފައި ވަނީ އަޑު ގޮވާ ގޮތަށެވެ.

ނައު ކުޅިވަރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތުގެ މީހުން --- ފޮޓޯ/ ހުސައިން ރަޝީދު
" ދެންފެންނާނީ ޓެރަރިސްޓް ޖަމާޢަތުގެ މީހުން ބަލިވެ އަމާން ދެމުންދާ މަންޒަރެއެވެ. އަދި ޖަމާޢަތުގެ ވެރިޔާ ހައްޔަރުކޮށްގެން މަނަވަރަށް ގެންދާ މަންޒަރު. އެ އަށްފަހު މަނަވަރުގެ އެހީ ތެރިކަމާއެކު ނައު މީދޫގައި ބަދަރުކޮށް އެއިން މީދޫއަށް ވަޑައިގަންނެވި އަރަބި ވިޔަފާރިވެރިން އިއްޒަތުގައި ފައިބާ މަންޒަރުން ފެނިގެން ދާނެ،" ހުސައިން ރަޝީދު ކިޔައިދިނެވެ.
ރަށުގެ ކަޑިންމައިގައި ނައު ބަނދަރު ކުރަނީ ކައިރި ރަށްރަށުގެ ކައިރިން ދުއްވާލުމަސް ފަހު ކަމަށް ހުސައިން ބުންޏެވެ.
އަހަރެން ކުޑައިރު މި އަޑު އިވުނު ބަޑީގެ އަޑަކީ އެއީ އެވެ. އެމީހުން ރަށްރަށު ކައިރީ ނައު މަޑުކޮށް ބަޑި ޖަހާ އަޑެވެ. ކުރީގައި ޖަހަނީ އޮނު ބަޑި ކަމަށް ހުސައިން ބުންޏެވެ. އެހެނަސް މިހާރު ދަގަނޑުން ފަރުމާކޮށް ބަޑިއެއް ހަދައިގެން ބޭނުން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެކުޅިވަރުގައި ބަޑިޖަހަން ގެންގުޅޭ ބަޑި ---ފޮޓޯ/ ހުސައިން ރަޝީދު
އަދި މި ހަނގުރާމަކޮށް އެ ކުޅިވަރު ނިމުނީކީ ނޫނެވެ. ނަވުގެ މީހުން އިއްޒަތުގައި ރަށަށް ބޭލުމާއި އެމީހުންނަށް މެހެމާން ދާރީ އަދާކުރުމާއި ކަންކަންވެސް ހިނގާ ކަމަށްވެއެވެ. އަދި މީގަ އެންމެ ފޯރިގަދަ ކަމެއް ކަމަށް މީހުން ބުނެ އުޅެނީ ނައު ކަނޑާލަން ކެރޭނެ އަންހެނަކު ނުވާނެއޭ ބުނެ ކިޔާ ލަވަތަކުގެ ސަބަބުން އަންހެނަކު ނައު ކަނޑާލައި ދެން ހިނގާ ކަންކަމެވެ. އެގޮތުން އެ އަންހެން ކުއްޖާ މޫދަށް އެރުވުމާއި އޭނާއަށް ޖާފަތްދިނުމާއި ކަންކަން ހިނގާ ކަމަށްވެއެވެ.

އަންހެން ކުއްޖަކު ޒީނަތްތެރިކޮށްފައި، އެއީ ނައު ކެނޑި ކުއްޖާ -- ފޮޓޯ/ ހުސައިން ރަޝީދު
މިހާރު މީދޫގައި އެކުޅިވަރު ކުޅޭތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށް މީދޫ މީހުން ބުނެއުޅެވެ. ހަގީގަތުގައި އެ ކުޅިވަރުން ރަމްޒުކޮށްދޭ މީދޫއާ ގުޅުން ހުރި ވަކިކަމެއް ނެތް ކަމަށް އެރަށު މީހުން ބުނެއެވެ. އެ ކުޅިވަރު ފެށިގެން އައިގޮތް ކިޔައިދޭކަށްވެސް ނޭނގެއެވެ. މީދުއަކީ އާންމުކޮށްވެސް ދެ އަވަށަކަށް ބަހައިގެން އެކުޅިވަރު ކުޅޭ ރަށެކެވެ. ދެ އަވަށުގައިވެސް މި ކުޅިވަރު ކުޅެއެވެ.