31 Aug 2017, 17:06
އާސެނަލްގެ އިންގްލޭންޑް މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް-ޗެމްބަލެއިން 35 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއަކަށް ލިވަޕޫލަށް ސޮއިކޮށްފިއެވެ.
އުމުރުން 24 އަަހަރުގެ މިޑްފީލްޑަރު ލިވަޕޫލާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޕްރިމިއަރ ލީގު ޗެމްޕިއަން ޗެލްސީންވެސް އޮކްސްލޭޑް-ޗެމްބަލެއިން ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ލިވަޕޫލާ ގުޅުމަށް އޭނާ ނިންމީ، މިޑްފީލްޑަރެއްގެ ގޮތުގައި އޭނާގެ ކުޅުން އެންމެ ރަނގަޅަށް ތަރައްގީ ކުރެވޭނީ ލިވަޕޫލްގައި ކަމަށް ގަބޫލުކުރެވޭތީއެވެ.
އެލެކްސް އަކީ ޔާގަން ކްލްޕްސްގެ ލިވަޕޫލަށް މިހިނގާ ޓްރާންފަރގައި ގެނައި ފަސްވަނަ ކުޅުންތެރިޔާއެވެ. އޭގެ ތެރޭގައި މުޙައްމަދު ޞަލާޙް، ޑޮމިނިކް ސޮލާންކޭ، އެންޑީ ރޮބާޓްސަން އަދި ނަބީ ކެއިޓާ ހިމެނެއެވެ.
ކްލޮޕް ބުނީ، އެލްސްއަކީ އޭނާ ވަރަށް ބޮޑަށް ބޭނުންވާ، މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ޓީމަށް ވަރަށް ބޭނުންތެރި ކާމިޔާބު ހޯދަން މަސައްކަތްކުރާ ކުޅުންތެރިއެއް ކަމަށްވާ ކްލޮޕް ބުންޏެވެ.
"އަހަރެން ވަރަށް އުފާވެއްޖެ އެލެކްސްގެ ސޮއި ހޯދުމުން. އެންމެ ފަހުން ކުޅުނު މެޗަށް ފަހު އަހަރެން މިހުންނަނީ، މި ޓްރާންސްފަރ ނިމުނުގެ ކުރީން އޭނާ މި ޓީމާ ގުޅޭނޭ ކަމުގެ އުންމީދުގައި. އެންމް ފަހުން މި އުފާވެރި ޚަބަރު ލިބުނީ،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ، ޗެމްބަލެއިން އަކީ، އަދިވެސް ވަރަށް ޅަ ކުޅުންތެރިއެއް ކަމަށެވެ. އެހެން ނަމަވެސް ޕްރިމިއަރ ލީގާއި، ޗެމްޕިއަންސް ލީގު އަދި ގައުމީ ޓީމަށް ކުޅެފައިވާ މިޑްފީލްޑަރަކީ ލިވަޕޫލަށް އެންމެ ބޭނުންތެރި، ތަޖްރިބާ ހުރި ކުޅުންތެރިއެއް ކަމަށެވެ.
ސަމަރަ ޓްރާންސްފަރ ވިންޑޯ ނިމުމަކަށް އައިސްފައިވާއިރު ލިވަޕޫލުންް ދަނީ އަދިވެސް އިތުރު ކުޅުންތެރީންގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.