02 Sep 2017, 09:36
ނައިރޯބީ (ސެޕްޓެމްބަރު 2): ކެންޔާގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލުކޮށް، ކުރިއަށް އޮތް 60 ދުވަސް ތެރޭ އާ އިންތިހާބެއް ބޭއްވުމަށް އަމުރުކޮށްފި އެވެ.
ކެންޔާގެ ރައީސް އުހުރޫ ކެންޔައްޓާ ދެ ވަނަ ދައުރަކަށް ހޮވުނު އެއިންތިހާބު އަނެއްކާ ވެސް ބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރު ކުރީ އިންތިހާބުން ނާކާމިޔާބުވި ރައިލާ އޮޑިންގާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ގާތްގަނޑަކަށް 1.5 މިލިއަން ވޯޓުގެ ތަފާތަކުން ބަލިވި އޮޑިންގާ ވިދާޅުވި ގޮތުގައި އިންތިހާބުގެ ނަތީޖާ ވަނީ އޮޅުވާލައިފަ އެވެ.

ކެންޔާގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ރައިލާ އޮޑިންގާ ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި -- ފޮޓޯ: އޭއެފްޕީ
އަދި ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުން ނިންމެވި ގޮތުގައި މިދިޔަ މަހުގެ އަށް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރޭގައި އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ވަނީ "ގަވާއިދާ ހިލާފަށް" އަމަލުކޮށްފަ އެވެ. ނަމަވެސް އެމައްސަލައާ ގުޅިގެން ކެންޔައްޓާ ނުވަތަ އޭނާގެ ޕާޓީ ކުށްވެރިވާ ކަމަށް ކޯޓުން ބުނެފައި ނުވެ އެވެ.
ކެންޔައްޓާ ވަނީ އޭނާ ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރެއްވި ނަަމަވެސް އެއީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ހަމަނުޖެހުން ނުހިންގުމަށް ވެސް ކެންޔައްޓާ ގޮވާލެއްވި އެވެ. (އޭޕީ)