02 Sep 2017, 10:07
ރަޝިއާގައި އަންނަ އަހަރު ބާއްވާ ވޯލްޑްކަޕް އަށް ކޮލިފައިވުމަށް ގްރޫޕު އެފްގައި ރޭ މަލްޓާއާ ކޮޅަށް ހަތަރު ލަނޑު ޖަހައި އިންގްލޭންޑް އޮޓޮމެޓިކް ކޮލިފިކޭޝަންގެ ފުރުސަތު ބޮޑު ކޮށްފި އެވެ.
ރޭ މަލްޓާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފުގައި އިންގްލޭންޑުން ވަނީ ކުޅުން ރަނގަޅުކޮށް މަލްޓާ ކޮޅަށް ހަތަރު ލަނޑު ޖަހައިފަ އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ހެރީ ކޭން ވަނީ ލަނޑެއް ޖަހައި އިންގްލޭންޑަށް ލީޑުނަގާދީފަ އެވެ. އިންގްލޭންޑުގެ ދެވަނަ ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރަޔާން ބާޓްރެންޑެވެ. އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ޑެނީ ވެލްބެކްއެވެ. އަދި އިންގްލޭންޑުގެ ހަތަރުވަނަ ގޯލު މެޗުގެ އެންމެފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ކޭން އެވެ.
މި ގްރޫޕުގައި ރޭ ސްލޮވާކިޔާ ވެސް ވަނީ ވާދަވެރި ސްލޮވޭނިއާގެ މައްޗަށް 0-1 އިން ކުރި ހޯދައިފަ އެވެ. ސްލޮވާކިއާ ދެން ބައްދަލު ކުރަން ޖެހޭނީ އިންގްލޭންޑާ އެވެ.
ރޭގެ އުނދަގޫ މޮޅާއެކު އިންގްލޭންޑު އޮތީ ކުޅުނު ހަތް މެޗުން 17 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ 15 ޕޮއިންޓާއެކު ސްލޮވާކިއާ އެވެ. އަދި ތިންވަނައިގައި އޮތް ސްކޮޓްލޭންޑަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.