ނިމިގެން ދިޔަ ޓްރާންސްފާ މާކެޓަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް އެންމެ އަގު ބޮޑު ޓްރާންސްފާ މާކެޓެވެ. މި ޓްރާންސްފަރގައި ދުނިޔޭގެ ރެކޯޑު ފީތައް މުގުރާލާފައި ވާއިރު، އެންމެ ގިނަ ކުޅުންތެރިން ގަތް މާކެޓަށް މިފަހަރުގެ މާކެޓު ވެގެންދާނެ އެވެ. އެގޮތުން މިފަހަރުގެ އެންމެ ބޮޑު 10 ޓްރާންސްފާ އަށް ބަލައިލާނަމެވެ.

ނޭމާ (ބާސެލޯނާ - ޕީއެސްޖީ)

ދުނިޔޭގެ ރެކޯޑް ޓްރާންސްފަރ ފީއަކަށް، (222 މިލިއަން ޔޫރޯ އަށް) ޕީއެސްޖީއާ ގުޅުނު ބްރެޒިލް ތަރި ނޭމާ -- ފޮޓޯ: ގެޓީ

ދުނިޔޭގެ ރެކޯޑު އަގަކަށް ނޭމާ ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވެގެން ދިއުން ވީ މުޅި ފުޓުބޯޅަ ދުނިޔެއަށް އިންގިލާބެއް ގެނުވި ޓްރާންސްފާ އަކަށެވެ. ޕީއެސްޖީން ނޭމާ ގެންދިޔައީ ބާސެލޯނާއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް 222 މިލިއަން ޔޫރޯ ދައްކައިގެން ގަނެގެންނެވެ.

އޮސްމާން ޑެމްބެލޭ (ބޮރޫޝިއާ ޑޯޓްމަންޑު - ބާސެލޯނާ)

ބާސެލޯނާގެ ތާރީހުގައި، އެ ޓީމަށް ގެނައި އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ފްރާންސްގެ ޒުވާން ފޯވަޑް އޮސްމާން ޑެމެބެލޭ ބާސާއާށް ބަދަލުވީ 145 މިލިއަން ޔޫރޯގެ އަގަކަށެވެ. މިއާއެކު އޭނާ ވަނީ ދުނިޔޭގެ ދެ ވަނައަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.

ކިލިއަން އެމްބާޕޭ (މޮނާކޯ - ޕީއެސްޖީ)

ލޯނުގެ ދަށުން ޕީއެސްޖީއާ ގުޅުނު އެމްބާޕޭ--

މި ވަގުތު ދުނިޔޭގައި ހުރި އެންމެ އުއްމީދީ ފޯވާޑް މޮނާކޯގެ ކީލިއަން އެމްބާޕޭ ރެކޯޑް އަގަކަށް ގަތުމުގެ ފުރުސަތު ލިބޭ ގޮތަށް އޭނާ ލޯން އުސޫލުން ޕީއެސްޖީއަށް ބަދަލުވި އިރު، އަންނަ ސީޒަނުގެ ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ގަތުމަށް ޕީއެސްޖީ އިން 180 މިލިއަން ޔޫރޯ ހުށައަޅާނެ ކަމަށް ވެއެވެ.

ރޮމެލޫ ލުކާކޫ (އެވަޓަން - މެންޗެސްޓާ ޔުނައިޓަޑް)

އެވަޓަން ދޫކޮށް ލުކާކޫ ޔުނައިޓަޑަށް ބަދަލުވީ 75 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިއާއެކު އޭނާ މިހާރު ވެފައި ވަނީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. ޔުނައިޓެޑާ ލުކާކޫ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އަލްވާރޯ މޮރާޓާ (ރެއާލް މެޑްރިޑް - ޗެލްސީ)

މޮރާޓާ ޗެލްސީއަށް ބަދަލުވީ 70 މިލިއަން ޕައުންޑްގެ އަގަކަށް، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއާއެކު މޮރާޓާ މިހާރު ވެގެން ގޮސްފައިވަނީ، ޗެލްސީއަށް މިހާތަނަށް އެންމެ ބޮޑު އަގެއްގައި، ގެނައި ކުޅުންތެރިއާއަށެވެ. އޭގެ ކުރިން މޮރާޓާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ބެންޖަމިން މެންޑީ (މޮނާކޯ - މެންޗެސްޓަާ ސިޓީ)

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި، މޮނާކޯއަށް ކުޅެމުން އައި މެންޑީ މެންޗެސްޓަރ ސިޓީއަށް ބަދަލުވީ 52 މިލިއަން ޕައުންޑްގެ އަގަކަށް، ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ފްރާންސްއަށް ނިސްބަތްވާ މެންޑީ އަކީ، މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ކާމިޔާބުކުރި، މޮނާކޯގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް، އަދާކުރި ކުޅުންތެރިއެކެވެ.

ކައިލް ވޯކާ (ޓޮޓެންހަން - މެންޗެސްޓަ ސިޓީ)

ކެޕްޝަން..

މިދިޔަ ސީޒަނުގައި ޓޮޓެހަމްގައި މޮޅު ކުޅުމެއް ދެއްކި އިނގިރޭސި ޑިފެންޑަރު ކައިލް ވޯކާ ސިޓީއަށް ބަދަލުވީ 50 މިލިއަން ޕައުންޑްގެ އަގަކަށް ފަސް އަހަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއާއެކު އޭނާ ވަނީ ދުނިޔޭގެ ދެވަނަ އަށް އެންމެ އަގުބޮޑު ޑިފެންޑަރަށް ވެގެން ގޮސްފައެވެ.

ލެއޮނާޑޯ ބޮނޫޗީ (ޔުވެންޓަސް - އޭސީ މިލާން)

ޗައިނާގެ ވިޔަފާރިވެރިން މިލާން ގަތުމަށްފަހު، މި ސީޒަނަށް އެ ކްލަބު ވަރުގަދަ ކުރުމަށް ގެނައި އެންމެ މުހިންމު އެއް ކުޅުންތެރިންޔަކީ ޔުވެންޓަސްއިން 42 މިލިއަނަށް ޔޫރޯ އަށް ގެނައި ޑިފެންޑަރު ބޮނޫޗީ އެވެ. ބޮނޫޗީ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ޑިފެންޑަރެވެ.

ހަމޭސް ރޮޑްރިގޭޒް (ރެއާލް މެޑްރިޑް - ބަޔާން މިޔުނިކް)

ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރެއާލް ދޫކޮށް ބަޔާން އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެއްބަސްވުމުގައި ވާގޮތުން ދެ އަހަރު ދުވަހުގެ ފަހުން، ބަޔާނުން ބޭނުން ނަމަ، ދާއިމީ ގޮތެއްގައި އެ ކްލަބަށް ހަމޭސް ރޮޑްރީގޭޒްގެ ސޮއި ހޯދުމުގެ ފުރުސަތުވެސް އެ ކްލަބަށް ލިބިދެއެވެ.

އެލެކްސެންޑާ ލަކަޒެޓް (ލިޔޯން - އާސެނަލް)

ކެޕްޝަން..

ލިޔޯން އަށް ކުޅެމުން އައި އުންމީދީ ފޯވާޑް، ލަކަޒެޓް އާސެނަލް އަށް ބަދަލުވީ އެ ކުލަބުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. އޭނާ ލިޔޯނުން އާސެނަލާ ގުޅުނީ 46.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. ލަކަޒެޓް ވަނީ ލިޔޯނަށް މިދިޔަ ސީޒަނުގައި ކުޅުނު 45 މެޗުން 37 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ބައެއް ކުލަބުތަކުން ކުޅުންތެރިން ގަތުމަށް ބޮޑު ހޭދައެއް ކުރި ނަމަވެސް އަނެއް ބައި ކުލަބުތަކަށް މި ފަހަރު ބޭނުންވި ކުޅުންތެރިން ލިބޭ ގޮތް ވަނީ ނުވެފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ލިވަޕޫލްގެ ފިލިޕް ކޮޓީނިއޯ ގެންދަން ބާސާ އިން ކުރި މަސައްކަތެވެ. ބޮޑު އަގުގައި ބިޑު ކުރި ނަމަވެސް ލިވަޕޫލުން ވަނީ ކޮޓީނިއޯ ވިއްކަން ދެކޮޅު ހަދާފައެވެ.