05 Sep 2017, 12:02
އެންމެ ގާތް އެކުވެރިޔާ ނުވަތަ ރަހުމަތްތެރިޔާއާ އެކީ ބޭރަށްދާ ކޮންމެ ދުވަހަކުހެން އެ އެކުވެރިޔާގެ ހަޔާތުގެ ބައިވެރިޔާ ގެންނަ މައްސަލަ މިއީ މިއަދު އާންމުކޮށް ދިމާވާ ކަމެކެވެ.
"ހިނގާ ބޭރަށްދާން. ވަރަށް މަޖާވާނެ. ދާނީ އަހަރުން ތިން މީހުން،" މިއީ މިއަދު އެންމެ ގާތް ރަހުމަތްތެރިޔާގެ ކިބައިން ގިނަ ފަހަރަށް އިވޭނެ ޖުމުލަތަކެކެވެ. މައްސަލައެއް ނެތެވެ. ހިތާވެގެން އުޅޭ ކުއްޖާ ނޫނީ ރައްޓެހިވެގެން އުޅޭ ކުއްޖާ ގާތު ދާތަނެއް ނުބުންޏަސް އަންނަނީއެވެ. ދާހާތަނަކަށް ފަހަތުން ދަނީ އެވެ.
ދެ ރަހުމަތްތެރިން އެކު އެކީ ބޭރަށް ދިޔުމުން އެކަކު ފޫހިވެގެން އެކޮށްލަނީ 'ސްނެޕް' އެކެވެ. ގައިމުވެސް ރައްޓެހިންނަށް ފެންނާނެކަން ޔަގީނެވެ. އޭގެ ތެރެއިން އެއްކަލަ ހިތާވެގެން އުޅޭ ކުއްޖާ ނުވަތަ ރައްޓެހިވެގެން އުޅޭ ކުއްޖާ 'ސްނެޕް' ސްޓޯރީ ބަލާނެކަން ކަށަވަރެވެ. ދިމާވާން ބޭނުންވާކަން ދިމާލަށް ނުބުނި ކަމުގައި ވިޔަސް ވެސް އޭނާއަށް އެދެވެނީ އަނެކާއަށް ދައުވަތެކެވެ.
ދިހަ މިނެޓް ނުވާނެއެވެ. ދެން ފެންނާނީ އެއްކަލަ ބައިވެރިޔާ އައިސް ކައިރީގައި އިށީންނަ ތަނެވެ. ތިން މީހުން ވީއެވެ. އެކަކު "ތާޑް ވީލް" އަކަށް ވީއެވެ. "ތާޑް ވީލް" އަށް ވުމަކީ ބައެއް މީހުންނަށް އެހާ ބޮޑު މައްސަލައަކަށް ނުވިކަމުގައި ވިޔަސް އަނެއް ބައި މީހުން ވަރަށް ފޫހިވާ ކަމެކެވެ. ދާހާ ތަނަކަށް "ހިތާވެގެން އުޅޭ މީހާ" އަންނަން ވިއްޔާ ސަލާމަތެއް ނޯންނާނެއެވެ. ދެ ރަހުމަތްތެރީން އެކަނި ވަގުތު ހޭދަކޮށްލާނީ ކިހިނެއް ހެއްޔެވެ؟ ޔަގީނުންވެސް ގާތް ދެރަހުމަތްތެރިއެއް ނަމަ ހިއްސާ ކުރަން ވަރަށް ބައިވަރު ވާހަކަތައް ހުންނާނެއެވެ. ކަންތައް މިހެން ވެގެންދާއިރު އެއްވެސް ކަމެއް ރަހުމަތްތެރިޔާ އާ ހިއްސާ ނުކުރެވޭ ފަހަރު ގިނަ ވެދާނެއެވެ. ނަތީޖާ އަކަށް ވާނީ މަޑުމަޑުން އެ ރަހުމަތްތެރިޔާ އާ ގުޅުން ކެނޑިގެން ދިޔުމެވެ. ބޭނުން ނުވިޔަސްވެސް އޭނާ އާ ދިމާ ކުރާ ހިތް ކެނޑިގެންދާނެއެވެ.
ތިންމީހުން ތިބޭ އިރު އަނެއް ދެމީހުން ޖަހާ ސަކަރާތްތައް ބަލަން އިންނަން ޖެހޭ ފަހަރުވެސް ބައެއް ފަހަރު އާދެއެވެ. އަނެކާއަށް އިހުސާސް ވާނީ އޭނާ އަކީ އެތަނަށް ބޭކާރު މީހެއްގޮތުގައެވެ. މިކަންތައްތައް އެންމެ ރަގަޅަށް އިހުސާސް ވާނީ 'ސިންގަލް' މީހަކަށެވެ. ބައެއްފަހަރު "ތާޑް ވީލް" އެއްގެ ގޮތުގައި އިންނަން ޖެހުމުން މީހާ މުޅިން މާޔޫސް ކޮށްލައެވެ. ރޮވެން އުޅޭ ފަހަރުވެސް އާދޭދޯއެވެ.؟ މީހާގެ އެކަނިވެރިކަން އިހުސާސް ވެގެން ދެއެވެ. ނަމަވެސް މިކަން އަނެކާއަށް ދައްކަން ބޭނުން ނުވާނެއެވެ. ނަމަވެސް އެކަންތައްތަކަކީ ދެން ތިބޭ މީހުންވެސް ސަމާލުވާންޖެހޭ ކަންތައްތަކެވެ.
ތިމާއަށް މިކަމަކީ މާ ބޮޑު ކަމަކަށް ނުވިކަމުގައިވިޔަސް އަނެކާއަށް އެއީ ވަރަށް ބޮޑު ކަމަކަށް ވެދާނެއެވެ. އިހުސާސް ވާނީ ތިބާ ވެސް އުމުރުގެ އެއް ފަހަރު ނަމަވެސް މިކަން ތަޖުރިބާ ކޮށްލުމުންނެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާއާ ވެސް ދިމާ ކުރަންވާނެއެވެ. ނަމަވެސް ރަހުމަތްތެރީންނާ އެކީ ވަގުތު ހޭދަކުރާ ވަގުތުތަކުގައެއް ނޫނެވެ.