ސާއޮ ޕައުލޯ (ސެޕްޓެމްބަރު 6): ކޮރަޕްޝަނުގެ މައްސަލައެއްގައި ބްރެޒިލްގެ ކުރީގެ ދެ ރައީސުން ކަމަށްވާ ލޫލާ ޑި ސިލްވާ އާއި ޑިލްމާ ރޫސެފްގެ މައްޗަށް ދައުވާކޮށްފި އެވެ.

ލޫލާ އާއި ޑިލްމާގެ މައްޗަށް ބްރެޒިލްގެ އިސް ޕްރޮސިކިއުޓަރު ރޮޑްރީގޯ ޖެނޮޓް ދައުވާ ކުރެއްވީ ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޯބްރާސްއިން ފައިސާ ގަވައިދާ ހިލާފަށް ޓްރާންސްފާ ކުރެވޭނެ ސްކީމެއް ބޭނުން ކުރި މައްސަލައިގ އެވެ.

އެ ދައުވާތައް ގުޅިފައި ވަނީ ބްރެޒިލްގެ ފުލުހުން ކުރިއަށްގެންދާ ތަހުގީގެއް ކަމަށްވާ "އޮޕަރޭޝަން ކާ ވޮޝް"އާ އެވެ. އެތަހުގީގަށް އެނގިފައިވާ ގޮތުގައި ޕެޓްރޯބްރާސްއަށް ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ، ވޯޓު ގަތުމަށާއި، ސިޔާސީ ފަރާތްތަކަށާއި ކެމްޕެއިންތަކަށް ހަރަދު ކުރުމަށް ބޭނުންކޮށްފައިވެ އެވެ.

ޕްރޮސިކިއުޓަރު ޖެނޮޓް ވިދާޅުވި ގޮތުގައި ލޫލާ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވި އެސްކީމުގެ ދަށުން އޭނާގެ ވޯކާސް ޕާޓީއަށް 480 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި 2002ން 2016 އަށް ކުރިއަށްގެންދިޔަ އެސްކީމުގައި ލޫލާ އާއި ރޫސެފްގެ އިތުުރުން ހަ މީހަކު ބައިވެރިވެފައިވެ އެވެ.

ލޫލާގެ މައްޗަށް އެދައުވާ ކޮށްފައި ވަނީ ޕެޓްރޯބްރާސްއާ ގުޅުން ހުރި ކޮރަޕްޝަނުގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް ނުވަ އަހަރުގެ ޖަލު ހުކުމެއް ކުރުމުން، އެމައްސަލަ އިސްތިއުނާފުކޮށްފައި ވަނިކޮށެވެ.

ލޫލާއަށް ފަހު ބްރެޒިލްގެ ވެރިކަމަށް ވަޑައިގެންނެވި ރޫސެފް މިދިޔަ އަހަރު މަގާމުން ދުރުކުރީ ދައުލަތުގެ ބަޖެޓާ ބެހޭ ގާނޫނުތަކާ ހިލާފުވުމުންނެވެ. އަދި ކޮރަޕްޝަނުގެ ތުހުމަތުތައް އޭނާގެ މައްޗަށް މީގެ ކުރިން ކޮށްފައިވީ ނަމަވެސް މިއީ އޭނާގެ މައްޗަށް ދައުވާ ކުރި ފުރަތަމަ ފަހަރެވެ.

ލޫލާ އާއި ރޫސެފް ވަނީ ދެބޭފުޅުންގެ މައްޗަށްކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. (ބީބީސީ)