07 Sep 2017, 17:11
މިޔަންމާގެ ރަހައިން ސްޓޭޓުން ބަންގްލަދޭޝްއަށް ހިޖުރަކުރަމުންދާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ގއ. ގެމަނަފުށީގެ ޒުވާނުން އިސްނަގައިގެން އަންނައުނު އެއްކުރަން ފަށައިފި އެވެ.
ެ'ސަން' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލަރުގެ ރައީސް އަބްދުުﷲ ޝިޔާން ވިދާޅުވީ އަންނައުނު އެއް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަންނައުނު ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
"އަންނައުނު ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ މާދަމާގެ ނިޔަލަށް ހުޅުވާލެވިފަ. މިހާރު ވެސް ވަރަށް ގިނަ އަންނައުނު ލިބެމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ޝިޔާން ވިދާޅުވީ ރަށުގެ ރައްޔިތުންގެ ފަރާތުން އެކަމަށް ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

ގެމަނަފުށީ ޒުވާނުންގެ އިސްނެގުމުގެ މަތިން އަންނައުނު އެއް ކުރުމުގައި. ފޮޓޯ: ރަށު ކައުންސިލުގެ ރައީސް
އޭނާ އިތުރަށް ވިދާޅުވީ އަންނައުނު އެއްކުރުމުގެ އިތުރުން ރަށުގެ ދެ މިސްކިތެއްގައި މިހާރު ފަންޑު ފޮށި ބަހައްޓާފައިވާ ކަމަށެވެ. މާދަމާގެ ނިޔަލަށް އެ ހަރަކާތްތަށް ހިނގަމުން ދާއިރު މި ހަރަކާތަކީ ރަށުގެ ޒުވާނުން އިސްނަގުމުގެ މަތިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވެސް ޝިޔާން ވިދާޅުވިއެވެ.

ގެމަނަފުށީ ރައްޔިތުން ސައިކަލު ބުރު ޖެހުމަށް ތައްޔާރުވެފައި. ފޮޓޯ: ރަށު ކައުންސިލަރު
ރޮހިންޔާގެ ރައްޔިތުންނަށް އަޑުއުފުލުމުގެ ގޮތުން އިއްޔެ އެރަށުގައި ވަނީ ޒުވާނުންނާއި ކައުސިލަރުންނާއި ގުޅިގެން ސައިކަލު ބުރެއްޖަހާފަ އެވެ. ރައްޔިތުންގެ ޝުއޫރުތައް ފާޅުކޮށް އަޑުއުފުލާ އަދި އެކަމާ ގުޅިގެން ހާއްސަ ދުޢާ އެއްވެސް ކޮށްފައިވާ ކަމަށް ޝިޔާން ވިދާޅުވިއެވެ.

ގެމަނަފުށީ ރައްޔިތުން ރޮހިންޔާގެ ރައްޔިތުންނަށް ދުއާ ކުރުމުގައި. ފޮޓޯ: ރަށު ކައުންސިލަރު
މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކަމާ ގުޅޭ ގޮތުން ވަނީ ހިނގާލުންތައް ބާއްވާފައެވެ.