07 Sep 2017, 17:15
ދިއްލީ (ސެޕްޓެމްބަރު 7): މީގެ 24 އަހަރު ކުރިން އިންޑިއާގެ މުމްބާއީއަށް ދިން ބޮމުގެ ހަމަލާތަކުގައި ބައިވެރިވި ދެ މީހަކު މަރަން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ތާހިރު މާޗެންޓް އާއި ފީރޯޒު ޚާންގެ މައްޗަށް މުމްބާއީގެ ކޯޓަކުން މަރުގެ ހުކުމް ކުރީ ގާނޫނާ ހިލާފު ކަމެއް ކުރަން ރޭވުމާއި، ގަސްތުގައި މީހުން މެރުމުގެ ކުށުގަ އެވެ. އެދެ ހުކުމުގެ އިތުރުން ކޯޓުން ވަނީ އެހަމަލާގައި ބައިވެރިވި އަބޫ ސަލީމް އާއި ކަރީމުﷲ ޚާން އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އަދި ރިޔާޒް ސިއްދީގު 10 އަހަރަށް ޖަލަށް ހުކުމްކޮށްފަ އެވެ.
ބާރަ މާޗް 1993ގައި މުމްބާއީގެ އެކި ސަރަހައްދުގައި ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން 257 މީހަކު މަރުވެ، 717 މީހުންނަށް އަނިޔާވި އެވެ. އެހަމަލާ ރާވައި، އެއަށް ފައިސާ ހަރަދު ކުރި ޔަކޫބް މެމޮން ވަނީ 2015 ވަނަ އަހަރު ދަންޖައްސާ މަރާފަ އެވެ.
މީގެ އިތުރުން އިންޑިއާއިން ވަނީ އެހަމަލާއާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ހަތް މީހަކު 2003ކާއި 2010ކާ ދޭތެރޭ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ހަ މީހެއްގެ މައްޗަށް ކުށް ސާބިތުވި އިރު، އެކަކު ވަނީ ދޫކޮށްލާފަ އެވެ. (ބީބީސީ)